އާސަންދައިގެ ބަޖެޓު އިތުރުވެފައިވަނީ، ބޭސްފަރުވާގެ އެކިއެކި ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށް ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، މިއަހަރުގެ ބަޖެޓު އިތުރުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓް ހުށައަޅުއްވަމުންނެވެ.

އަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅަން ޖެހުނީ މިއަހަރުގެ ބަޖެޓުގެ ޚަރަދުތައް ހުރި ގޮތާއި، އޮފީސްތަކުން ބަޖެޓަށް ކޮށްފައިވާ ރިކުއެސްޓް ތަކަށް ރިއާޔަތްކޮށް، 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރުގެ ތެރޭގައި ޚަރަރުވެދާނެކަމަށް ބެލެވޭތީކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މިއަހަރަކީ ރާއްޖޭގެ އިޤުތިސާދަށް ފަހި އަހަރަކަށް ވީނަމަވެސް މާލީ ގޮންޖެހުންތައް ބޮޑު އަހަރެއްކަން ފާހަގަކުރައްވާފައެވެ.

އަމީރު ވިދާޅުވީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، ހާއްސަގޮތެއްގައި ބަޖެޓުގައި ހިމަނާފައިވާ ޚަރަދުގެ ސިޔާސަތުތަކަށް ގެންނަން ރޭވި ބަދަލުތައް ފަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅައި ބަލާއިރު ޚަރަދު އިތުރުވެފައިވަނީ އާސަންދައިންނާއި، ސަބްސިޑީ، އަދި ލޯނު ދޫކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުމުންނާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިންކަމަށެވެ. އެގޮތުން އާސަންދައިގެ ބަޖެޓު އިތުރުވެފައިވަނީ، ބޭސްފަރުވާގެ އެކިއެކި ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އާސަންދައިގެ ޚަރަދު ބަޖެޓުގައި ހިމެނި މިންވަރަށްވުރެ އިތުރުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު، ބޭސްފަރުވާގެ ޚިދުމަތް ހޯދުން މަޑުޖެހިފައިވުމަށްފަހު، މިއަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ. ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ނިޒާމް ހިންގުމަށްޓަކައި ބޮޑެތި ރިފޯމްތަކެއް ގެންނަން ޖެހޭ. ނަމަވެސް ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މިއީ މުހިންމު ދައުރެއް އަދާކުރާ ނިޒާމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާސަންދައިގެ ނިޒާމުގައި ހިމެނޭ ލީކޭޖްތައް ރަނގަޅުކުރަން މިއަހަރުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ގަތުމަށް ޔޫއެންޑީޕީ އާއެކު އެއްބަސްވުމެއް ހަދާފައިވާނެކަމަށެވެ. ނަމަވެސް މިހިސާބަށް އައުން ލަސްވުމުންނާއި، އަދި އޯޑަރ ޖެހިފައިނުވާތީ، އާސަންދައިގެ ޚަރަދުން ލިބޭނެކަމަށް އަންދާޒާކުރި ސޭވިންގސް، ކުރިން އަންދާޒާ ކުރި މިންވަރަށް ރިއަލައިޒް ވެފައިނުވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހެންކަމުން އާސަންދަ ސްކީމަށް ބޭނުންވާ ޚަރަދުތަކަށް، މިއަހަރު ފާސްކުރި ބަޖެޓުގައިވާ މިންވަރުގެ އިތުރަށް، 1.2 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަޕްލިމަންޓްރީ ބަޖެޓުގައި ހިމަނާފައިވާނެ" ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން