ގިނަ ބަޔަކު ބޭނުންވާ ވަރަށް ފުލުހުން "ޓަފް" ނުވާތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާ ހަމީދު މިފަދައިން ވިދާޅުވީ "އަދަދު" ނޫޙަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެން ފުލުހުން ކަންބޮޑުވޭ ފުލުހުން ރައްޔިތުންގެ ހައްގުގައި ޓަފް ވާން ޖެހޭ ހާލަތްތަކުގައި އެންމެން ނުވަތަ ގިނަ ބަޔަކު ބޭނުންވާވަރަށް ޓަފް ނުވާތީ އެ ޝަކުވާވެސް އެބަހުރި. ބައެއް ފަހަރު އެ ޓަފްވާ ގޮތުގެ ސަބަބުން، ފުލުހަކު އަމަލުކުރާ ގޮތުން، ނުވަތަ ބަހުރުވަ ހުންނަ ގޮތް ނުވަތަ ހަރަކާތް ހުންނަގޮތް ނުވަތަ ކުށްވެރިއަކު ހޭންޑަލް ކުރާގޮތް އަޅުގަނޑުމެން ބޭނުންވާ މިންވަރަށް އެކަންކަން ނުކުރެވުމުގެ ކަންބޮޑުވުން ވެސް އެބަ އޮތް" ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ގޭންގް ކުށްތައް ރާއްޖޭގައި އަދިވެސް ދެމިއޮތް ކަމަށެވެ. ގޭންގުތައް މިއަދުވެސް މިނިވަންކަމާއިއެކު އުޅެނީ ދިވެހި ދައުލަތުގެ ފަރާތުން ހުރިހާ އެންމެން ހިމެނޭހެން ފަހިކޮށްދީފަ އޮތީމަ ކަމަށް ހަމީދު ވިދާޅުވެފަވެއެވެ. މިއަދު އެއީ ފުލުހުން އެކަނި ނިކުމެ ހުއްޓުވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، މި ފަސް އަހަރުގެ ތެރޭގައި ގޭންގް ކުށްތަކާއި ގުޅިގެން މީހުންގެ ފުރާނަ ގެއްލުން މަދުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ގޭންގް މާރާމާރީތައް މަދުވެފައިވާ ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ކުރިން ފުލުހުންގެ މުއައްސަސާއަކީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު އެ މުއައްސަސާއެއްގެ ތެރެއަށް ވަދެ އެއިރެއްގައި ސިޔާސީ ބާރުވެރިކަމެއްގައި ތިބި ފަރާތްތަކެއް ބޭނުންހާ ގޮތެއް ހަދަން އޮންނަ ތަނެއް ކަމަށް ހަމީދު ވިދާޅުވިއެވެ. އެއާއި ޚިލާފަށް އޭނާގެ ކޮމިޝަނަރުކަމުގެ ދަށުން ފުލުހުންގެ މަސައްކަތުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނަ ދީފައި ނުވާނެ ކަމަށް ހަމީދު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން