ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔަރ ކުރައްވައިފިއެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައިި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، ރާއްޖޭގައި ހުންނަ ޔުނައިޓެޑް ސްޓޭޓްގެ ރެޕްރެޒެންޓޭޓިވް، ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ހަމީދު ދެއްކެވި ވާހަކައިގައި، ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އޭގެތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އާއިލާ އާއި ހޯމް މިނިސްޓަރާއި ޑެޕިއުޓީ ކޮމިޝަނަރުން އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝާޒްލީގެ ނަން ފާހަގަކުރެއްވިއެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާއެކު މަސައްކަތްކުރެވުނު ކަމަށެވެ. އަދި ކޮންމެ ފުލުހަކުވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާތަން ކަމަށް ވިދާޅުވިއެވެ.

ހިތާ އެންމެ ގާތް ޚިދުމަތުން ވަކިވެގެންދާއިރު، މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އެންމެހައި ފުލުހުންނަށް ހަމީދު އިލްތިމާސްކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަރމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން