އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އޭސީސީއަށް އެއްބާރުލުން ދިން އިންތިގާލީ އިންސާފުގެ އޮފީހުގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އޭސީސީން މިއަދު ވަނީ އެ ކޮމިޝަނުގެ ތަހުގީގު ޓީމެއް މިއަދު އެ އޮފީހަށް ވަދެފައެވެ.

އޭސީސީގެ ޓީމު އެ އޮފީހަށް ދިއުމުން، އޭސީސީގެ އަމުރާއި ގުޅޭގޮތުން ޤާނޫނީ ސުވާލުތައް އުފެއްދުމަށްފަހު އެ އޮފީހުން މާބޮޑު އެއްބާރުލުމެއް ދީފައެއް ނުވެއެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ ޗީފް އޮމްބަޑްސްޕާސަން އަބްދުލްސަލާމް އާރިފް އަންގަވައިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް އެ އޮފީހުގެ ބައެއް މުވައްޒަފުން ވަނީ އޭސީސީގެ ތަހުގީގު ޓީމަށް އެއްބާރުލުން ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީގެ ތަހުޤީޤު ޓީމަށް އެއްބާރުލުން ދިން 3 މުވައްޒަފަކު ވަނީ އިންތިގާލީ އިންސާފުގެ އޮފީހުން ސަސްޕެންޑްކޮށްފައެވެ. އެ މުވައްޒަފުން ސަސްޕެންޑްކުރުމުގެ އިތުރުން، އޮފީހުގެ ވަސީލަތްތައްވެސް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާކަމަށް އެ މުވައްޒަފުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައަކާއި އެހެން ބައެއް މައްސަލަތަކެކެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ޑިސެމްބަރު 17، 2020 ގައެވެ. ގާނޫނު ބުނާ ގޮތުން މި އޮފީހުގެ ދައުރަކީ ދެ އަހަރެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެއްވޭނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރައްވަންޖެހެއެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުވާލަން ތައްޔާރުވަމުންދާއިރު އެ އޮފީހުން މުޅިން ނުނިމި އޮތް 100 އެއްހާ މައްސަލަ އަދިވެސް އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން