ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ދަތި އުނދަގޫ ހާލަތުން އަރައިގަތުމުގެ ގާބިލްކަން އަލަށް އުފެދޭ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ހުންނާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެެވެ.

ނިޔާޒު މިހެން ވިދާޅުވީ ރަައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ އެއްވެސް ހާލެއްގައި ރާއްޖެ ބަނގުރޫޓް ވެގެން ނުދާނެ ކަމަށެވެ. އަދި އެހާލަތުން އަރައިގަތުމުގެ ވިސްނުމާއި ގާބިލްކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އަލަށް އުފެދޭ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ކިބައިގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެގޮތުން ޑރ. މުޢިއްޒުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ރާއްޖެ ދަރަނިވެރިވެ ބަނގުރޫޓްވެފައިވާ ކަމަށް އިއުލާން ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އަލަށް އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާނެ ސަރުކާރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ރާއްޖެ ދަރަނިވެރިވިކަން އިއުލާން ކުރާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެހާލަތުން އަރައިގަތުމުގެ ހިކުމަތް އެބޭފުޅުންގެ ހުންނާނެ. އެ ސަރުކާރުގައި ވެސް ހުންނާނެ އަދި މި ބަޖެޓްގައި އެބައޮތް އެބޭފުޅުން ސަރުކާރު ހިންގުމަށްޓަކައި ފުރަތަމަ 100 ދުވަހަށް ބޭނުންވާ ގޮތަށް އަޅުގަނޑުމެން ބަޖެޓް ކޮށްދީފައި އޮތް މިންވަރެއް، އަޅުގަނޑުމެން ބަލަން މި ތިބީ،" ރައީސް ސާލިޙުގެ ކޮއްކޯފުޅު ނިޔާޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރައްވާނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ. އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމުހޫރީ މަައިދާނުގައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން