އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމަނަައިގެން ފޮތެއް ނެރެފި އެވެ.

އެ ފޮތް ނެރެފައިވަނީ ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓް އިފްތިތާޙް ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ފޮތް ނެރެދެއްވައި، ފޮތުގެ ފުރަތަމަ ކޮޕީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) އަށް މިރޭ ވަނީ އަރުއްވާފައެެވެ.

އެ ފޮތުގައި މި އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނެއެވެ. އެއީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ 33 ދުވަހާއި ދެ ވަނަ ބުރުގެ ކެމްޕެއިންގެ 20 ދުވަހުގެ ދަތުރުފުޅުތަކުގައާއި ޖަގަހަ ޖަކްސާތަކާއި ޕްރެސް ތަކުގައި ދެއްކެވި ވާޙަކަފުޅުތައް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެއެވެ.

މިރޭ ނެރުނު ފޮތުގައި ޖުމުލަ 900 ސޮފުހާ ހިމެނޭއިރު މުޢިއްޒު ކެމްޕެއިންގައި ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި އެ ރަށާއި އަތޮޅާއި ގައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ފެންނާނެހެން ވަނީ ހިމަނާފައެވެ. މުއިއްޒު އެކި ކަންކަމާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ވެސް ފޮތުގައި ވަނީ ބަޔާންކޮށްފައެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ 153 ރަށާއި ފަސް ސިޓީ އަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި 205 ފަހަރު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސެއްގެ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނައިގެން ނެރުނު ފުރަތަމަ ފޮތްކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން