އާ ސަރުކާރުން ހެޔޮ ތަފާތެއް ރައްޔިތުންނަށް ދައްކައި ނަތީޖާ ނެރެދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ ގައުމަށް ހެޔޮ ގޮތްތަކެއް ހޯދައިދީ ނަތީޖާ ނެރެދޭން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ތަފާތު ދައްކާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

"ހެޔޮ ތަފާތު، ހެޔޮ ނަތީޖާ ނެރުން. އެ ނޫން ކަމެއް ކުރާކަށް ނޫން މި އުޅެނީ. އެ މަސައްކަތް ރައްޔިތުންގެ ލޯ ކުރިމަތިން ކޮންމެ ދުވަހަކު އިރާދަކުރެވިއްޔާ ރައްޔިތުން ހެކިވަމުންދާނެ." އަންނަ ހުކުރު ދުވަހު ރައީސުލްޖުހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބީ ރައީސް މުޢިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފްތިތާހްކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޕްލޭންގައިވާ ކަންކަމުގެ އިތުރަށް އެމުއްދަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ސަރުކާރަކަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދެއްވާނެ ކަމަށާއި ދިވެހިންގެރާއްޖެ އޭގެ ފުރިހަމަ ގޮތުގައި ދިވެހިންނަށް ހޯއްދަވައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އާ ސަރުކާރާ ހަވާލުވާ އެމަނިކުފާނުގެ ޓީމުން ކުރަން އުޅެނީ ގައުމީ ދީނީ އަދި ގައުމީ މަސައްކަތެއް ކަަމަށެވެ. އެ މަސައްކަތުގައި ސަރުކާރުގެ މަގާމު ތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން އިހުލާސްތެރިވާން ޖެހޭނެކަަން ޑރ. މުޢިއްޒު ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން