މިހާތަނަށް ވެރިކަން ކުރި އެންމެންވެސް މަޖިލީސް ބޭނުންކުރީ ރައީސުންގެ 'ރަބަރ ސްޓޭމްޕެއްގެ' ގޮތުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއި ބެހޭގޮތުން ދާދި ފަހުން މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.



ޝަރީފް ވިދާޅުވި ގޮތުގައި 2008 އިން ފެށިގެން މިހާތަނަށް ވެރިކަން ކުރި އެއްވެސް ރައީސެއް އަދި އެ ރައީސެއްގެ ކެބިނެޓުން މަޖިލީހުން ފާސްކުރި ބަޖެޓާއި އެއްގޮތަށް ޚަރަދު ނުކުރާ ކަމަށެވެ. އޭނާ މިފަދައިން ވިދާޅުވިއިރު، ނަޝީދަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރުގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް ބޭފުޅެކެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން މިއަހަރުގެ ބާކީއޮތް ދުވަސްތަކުގެ ޚަރަދަށް ބޭނުންވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅިއިރު ސަރުކާރުން ކުރިން ހަރަދުކޮށްފައިވާ ފައިސާ އެބަޖެޓުގައި ހިމަނާފައި އޮތް އޮތުން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެއީ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށެވެ. ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ދަޢުލަތުން އެންމެ ލާރިއެއްވެސް ހަރަދުކުރަންވާނީ މަޖިލީހުން ފާސްކުރާ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓު ސަރުކާރުން ވަނީ އެއްކޮށް ހުސްކޮށްލާފައި ކަމަށާއި އެހެންކަމުން އެއީ ނާޖާއިޒް ގޮތުގައި ޚަރަދު ކޮށްފައިވާ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގޭ ތެރެއިން ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 300 މިލިއަނެއްހާ ރުފިޔާއެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން