އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގު ޓީމެއް އިއްޔެ އިންތިގާލީ އިންސާފުގެ އޮފީހަށް ދިއުމުން އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅައި އަދި ތަހުގީގަށް އެއްބާރުލުން ދިން މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއަޅާފައިވާ ކަމަށެވެ. އޭސީސީން ވަނީ ތަހުޤީޤަށް އެއްބާރުލުން ދެއްވި މުވައްޒަފުންގެ ބައެއް އެކްސެސް ކަނޑާލައި، މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރި އަމަލު، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ ތުހުމަތުތައް ބަލައި ތަހުގީގުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ގޮންޖަހައި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން މަސައްކަތް ކުރަމުންގެންދަވާތީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު ގާނޫނުގެ އިމުގެ ތެރެއިން މި ކޮމިޝަނަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގެ ކަށަވަރުކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އޭސީސީގެ ބަޔާނުގައިވެއެވެ.



"މި ފުރުސަތުގައި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ދެއްވައި ފަސްޖެހުމެއްނެތި ގާނޫނު ނެގެހެއްޓުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ތިން މުވައްޒަފެއް މަސައްކަތްކޮށްދެއްވާފައިވާތީ އެކަން ފާހަގަކޮށް އެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަމެވެ." އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ގާނޫނު އަސާސީންނާއި ގާނޫނުން ކޮމިޝަނާ މަތިކޮށްފައި އޮންނަ މަސްއޫލިއްޔަތުތަކާއި ދީފައިވާ ބާރުތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ނުވަތަ ހިންގާކަމުގެ ނޫންނަމަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެނަމަ އެކަމެއް ބަލައި ތަހުގީގުކުރުމާއި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން ހިމެނޭ ކަމަށްވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ މި ވަގުތު ކޮމިޝަންގައި ތިއްބެވި މެންބަރުން މަގާމާ ހަވާލުވިތާ މިވީ އެއް އަހަރާ އަށް މަސް ދުވަހުގެ މުއްދަތުގައި، މަސައްކަތް ކޮށްފައިވާނީ ގާނޫނުއަސާސީންނާއި ގާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްޖެހިފައި ނުވާނެ ކަމެށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެގޮތަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެއާއެކު، އޮމްބަޑްޕާސަންގެ އޮފީހުން ޢާންމުންނަށް ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް ބުރޫއަރާފާނެ ގޮތަކަށް ކޮމިޝަންގެ މަސައްކަތްތައް ބައްޓަންކޮށްފައި ނުވާނެ ކަމަށްވެސް އެކޮމިޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން