ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް ދިން ހަމަލާ މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ކުށްވެރިކޮށްފިއެވެ.

މެޑިކަލް އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން އަލް-ޝިފާ ހޮސްޕިޓަލް ހިސާރުކޮށްފައިވާތާ 5 ދުވަސް ވެއްޖެކަން ފާހަގަކޮށްފައެވެ. އަދި އެ ހޮސްޕިޓަލަށް ދެމުންގެންދިޔަ ހަމަލާތަކުގައި ނިޔާވި 40 އަށްވުރެ ގިނަ ސިއްހީ މަސައްކްތަތްތެރިންގެ މަރާއި ދޭތެރޭ އެމްއެމްއޭއިން ހިތާމަ ކުރާ ކަމަށް ބުނެފައި ވެއެވެ.



7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސިޓީއަށް ދެމުންގެންދާ ހަމަލާތަކުގައި 11،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޝަހީދުވީ ކުޑަކުދިންގެ އަދަދު 4000 އަށްވުރެ މައްޗެވެ.

ޑަބްލިޔުއެޗްއޯއިން ނެރުނު ނޫސް ބަޔާނަކާއި ހަވާލާދީ އެމްއެމްއޭއިން ބުނީ ޣައްޒާގައި ހުރި 36 ހޮސްޕިޓަލްގެ ތެރެއިން 22 ހޮސްޕިޓަލުގައި މިވަގުތު ޚިދުމަތް ހުއްޓިފައިވާ ކަމަށެވެ. އަދި ފެނާއި ތެލާއި ބޭހުގެ ސަޕްލައި މަދުވެފައިވާ ޙާލުގައި ސިއްހީ މަސައްކަތްތެރިންނަށް ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުނދަގޫ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މެޑިކަލް އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އަދި ހަމައެއާއެކު، އިޒްރޭލުން ޝިފާ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ކުރިން އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި ކުޑަކުދިން ހިމެނޭހެން އެތަކެއް ޢާންމުންނެއް ޝަހީދުވުމުގެ އިތުރަށް ގިނަ އަދަދެއްގެ ޢާންމުންނަށް އެކިވަރުގެ ޒަހަމްތައް ލިބުނުކަމަށްވެސް އެމްއެމްއޭ އިން ފާހަގަކުރިއެވެ.

މީގެ އިތުރަށްވެސް އެ އެސޯސިއޭޝަނުން ވަނީ ޣައްޒާގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ދޭތެރޭ ސުވާލު އުފައްދާފައެވެ. އަދި ސިއްހީ ޚިދުމަތް ދޭ މަރުކަޒުތަކަށާއި ސިއްހީ މަސައްކަތްތެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައްވެސް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ކުށްވެރިކޮށްފައި ވެއެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިސްތިއުމާރީ ޙާލަތާއި މެދުކެނޑުމެއްނެތި ލިބެމުންދާ އަނިޔާތައް ހުއްޓުވުމަށް ބާރުއެޅުމަށް ދިވެހި ސަރުކާރާއި އދ.އާއި ޑަބްލިޔުއެޗްއޯއާއި ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން