އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާ ރައީސާއެކު ބޭރުގެ ބައެއް ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގެންފިއެވެ.

މުޢިއްޒު ހުވާކުރާ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ އިސް ބޭފުޅަކީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައެވެ. ރަނިލް މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދުއެވެ. މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ އާތު ސައިންސް މިނިސްޓަރު ކިރަން ރިޖުޖުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ސައިންސް މިނިސްޓަރަށް މަރުހަބާ ދެންނެވީ މުޢިއްޒުގެ ސަރުކާރުގެ ހާރިޖީ ވަޒީރު ކަމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ސައިންސް މިނިސްޓަރު ރާއްޖެ ވަޑައިގަތީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެެވެ.

މީގެ އިތުރުން މިހާތަނަށް ރާއްޖެ ވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޗިން އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަހުމަދު އަފީފަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރާއި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ފޮރިން މިނިސްޓްރީގެ ނައިބު ކޮމުރާ މަސައިއޯ އާއި ދެކުނު ކޮރެއާގެ ރައީސްގެ ހާއްސަ މަންދޫބު އަދި ބުސާން ސިޓީގެ މޭޔަރު ޕާކް ހިއުޖޫން މުޢިއްޒު ހުވާކުރާ ރަސްމިއްޔާތަށް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރައީސް މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާ ކުރައްވާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ދަރުބާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން