ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހުރިއްޔާގެ ގޮތުގައި ޑރ. މުހައްމަދު މުއިއްްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ދަރުބާރު މާދަމާ ހަވީރު އޮންނާނެއެވެ. ޑރ. މުއިއްޒުއާއި އެމަނިިކުފާނުގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ދަރުބާރު އޮންނާނީ ޖުމްހޫރިއްޔަތު ރަމްޒުކޮށްދޭ ޖުމްހޫރީ މައިދާނުގައެވެ. ޑރ.މުއިއްޒު ހުވާކުރައްވާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު ދިވެހި ދިދައިގެ ހިޔަލުގައި ހުންނަވައިގެންނެވެ. 4:45 ގައި ފެށުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ދަރުބާރުގެ ތައްޔާރީތައް ނިމިފައިވާއިރު، އެ ދަރުބާރުގައި ބޭރުގެ އިއްޒަތްތެރިންނާއި ދިވެހި ދައުލަތުގެ އިސްވެރިންނާއި އިއްޒަތްތެރިންނާއި އާއްމު ރައްޔިތުންވެސް ބައިވެރިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ދަރުބާރަކީ ރައްޔިތުންެގެ މަޖިލީހުގެ ޖަލްސާއެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ރަސްމިއްޔާތެވެ. މި ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފައިވާ އިއްޒަތްތެރިންގެ ތެރޭގައި ލަންކާގެ ރައީސް، ސީޝެލްސްގެ ނައިބު ރައީސް، ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބަކާއި އެމެރިކާގެ ރައީސްގެ ހާއްސަ ވަފްދެއް ހިމެނެއެވެ. މީގެއިތުރުން އަވަށްޓެރި ގައުމުތަކުގެ ވަޒީރުންނާއި ބައެއް ގައުމުތަކުގެ ރަސްގެފާނުންނާއި ރައީސުންނާއި ބޮޑުވަޒީރުންގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ މާދަމާ އޮންނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭރުގެ މީޑިއާތަކުންވެސް ކަވަރކުރާނެ ކަމަށެވެ. އަދި ބޭރުގެ މީޑިއާތައް ރާއްޖޭގައި ހަރަކާޔްތެރިވާއިރު، މިއީ މިހާތަނަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަަށް ލިބުނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެގެންދާނެކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު އެ ސަރަހައްދު އާއްމުންނަށް ހުޅުވާލުމަށް ވަނީ ނިންމަވާފައެވެ. އަދި ހުވާކުރެއްވުމުގެ ދަރުބާރުގެ ސެޓުގައި ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އެއަށްފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަވާ އެރުމުގެ ހަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މިހުރިހާ ކަމަކާއެކު ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްކަމަށް މި ދަރުބާރު އިންތިޒާމު ކުރެއްވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން