ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް މިއަދު ހުވާކުރަށްވައި މަގާމާއި ހަވާލުވެވަޑައިގެންނެވި ރާއްޖޭގެ އަށްވަނަ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަށްވަނަ ރައީސުލްޖުމުހޫރިއްޔާ ހުވާކުރެއްވުމަށްފަހު މަގާމާއި ހަވާލުވެވަޑަައިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި އެމަނިކުފާނު ސަރުކާރުގެ ވާޖިބުތައް އަދާކުރުމާއި ދެމެދުގައި ވަޅުގަނޑެއް އެބައޮތް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ފުން އަނދަވަޅުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި 119 ބިލިއަނަށް އަރާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ މާލީ ހަޔާތް ދުށް އެންމެ ބޮޑު ދަރަނިކަމަށެވެ. އެހެންނަމަވެސް އެކަންކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިންމައި، ޒަމާނީ އާ ޓަރމިނަލް އަވަހަށް ހުޅުވުން ހިމެނޭ ކަމަށެވެެ. އަދި ފަތުރުވެރިކަމަށް އިތުރު މުއްސަނދިކަން ގެނެސްދެއްވުމާއި ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރެއްވުން ހިމެނޭކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ އުސް އެއް ތަނބުކަމާއި އެމަނިކުފާނުގެ ސަރުކާރުގައި އެދާއިރާއަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރަފުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށް ގެދޮރުވެރިކަން ހަމަޖައްސައިދެއްވުން ފަދަ، ދިރިއުޅުމުގެ އިތުރު ލުއިފަސޭހަތައް އެމަނިކުފާނުގެ ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން އެމަނިކުފާނު ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރު ނުފޫޒެއް ވަންނާނެ ފަދަ ކުޑަ ޖާގައެއްވެސް ނުދިނުމަކީވެސް ސަރުކާރުން ކުރާނެ މަސައްކަތެއްކަމަށެވެ.

އެހެންނަމަވެސް އޭގެ މާނައަކީ ދިވެހިންނަށާއި ދައުލަތަށް ހިޔާނާތްތެރިވާ މީހުންނަށް ސަރުކާރުން ލޯ މަރާލުން ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ މާނައަކީ މި ހިނދުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައުންކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން