އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ މި އާ ސަރުކާރުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގުރީރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފެށުނު ރިޔާސީ އާ ދައުރާއެކު ދިވެހިންނަށް ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެ ކަމަށެވެ.

އެގޮތުން، އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އާ ސަހަރުތައް ބިނާކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގެ ލިޔެކިޔުމާއި ކުރެހުންތައް ފަދަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތްތައް ހުރީ ލިޔެ، ކުރަހައި ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ." ރައީސް މުޢިއްޒު ވިދާޅުވިއެެވެެ.

މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ މި ވިސްނުމުގެ ތެރެއިން ކަމަށާއި، މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މެދުރާސްތާއާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މީގެ ބޭނުމަކީ ރައްޔިތުންގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުން އެދޭފަދަ މުސްތަޤްބަލެއް ބައްޓަންކުރުމެެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުންކަން ރައީސް ވިދާޅުވިއެެވެ. އަދި އެމަނިކުފާނު ވަނީ މިކަމުގައި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް ހިއްސާ ކުރެއްވުމަށް ސަރުކާރުން ފުރުޞަތު ހުޅުވާލައްވާނެކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ދާއިރާތަކުގެ ޢިލްމީ އަދި ފަންނީ ބޭފުޅުން، އެބޭފުޅުންގެ ދިރާސާތަކާއި ތަޖުރިބާއިން ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ އެކަށައެޅިފައި ހުރި ބައެއް ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ޤާއިމުކުރެއްވުން ހިމެނޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެހެން ސަރަޙައްދުތައް ޝާމިލުވާހެން ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަޙައްދެއްގައި ތަރައްޤީކުރުން ހިމެނޭކަން ރައީސް ވިދާޅުވިއެވެ.

އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ މި އާ ސަރުކާރުން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާއިރު އުތުރު ތިޅަފަޅަކީ ކުރީގެ ރަައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ގޯތި ދިނުމަށް ކަނޑަަައަޅާފަައިވާ ތަނެއްކަން ފާހަގަކުރެވެއެވެ. އެމްއެންޑީއެފްގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ އުތުރުތިޅަފަޅާ ގުޅޭގޮތުން ރައީސް މުޢިއްޒު މިއަދު ދެއްކެވީ އެތަނުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް ގޯތި ދޭނެކަމުގެ އިޝާރާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން