ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރާއްޖޭގެ އަށްވަނަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމަށް މިއަދު ޖުމުހޫރީ މައިދާނުގައި ބޭއްވި ދަރުބާރުގައި ވާހަަކަފުޅު ދައްކަވަމުންނެެވެ. މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ނާއިބް ރައީސް ހުސައިން މުޙައްމަދު ލަތީފަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާއަށާއި ދިވެހި ބަރުލަމާނަށް ވަރަށް ތާރީހީ ޖަލްސާއެއް ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރަންޖެހޭ އެންމެހާ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން އަސްލަމް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން އޮތީ މުހިންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެެވެ. އެގޮތުން 2024 ގެ ބަޖެޓުގެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށް އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރާ މުއްދަތުގެ ކުރިން އަޅުގަނޑުމެން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އަރުވަން، ދިވެހި ލޮބުވެތި ރައްޔިތުންގެ އުއްމީދަކީ، އަދި އެދުމަކީ އެ ރައްޔިތުންނާއި މުޅި ގައުމުގެ ލާބަ އާއި މަންފާއަށް ދައުލަތުގެ ބާރުތަކުން މަސައްކަތް ކޮށްދިނުން. ހިދުމަތް ކޮށްދިނުން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން