ބޭރުގައުމުތައް އޮތީ ރާއްޖެއަށް އެހީތެރިވެ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެެ.

ގަޑި ބުރު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭރުގެ ވަރަށްގިނަ ވަޒީރުންނާއި، އެކިއެކި އެމްބެސެޑަރުންނާއި، ސްޕެޝަލް އެންވޯއިންނާ، އިއްޔެ އެމަނިކުފާނު ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން އެބޭބޭފުޅުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ދިވެހި ރައްޔިތުންނާއެކު ކުރިއަށްދާން ތައްޔާރަށް ތިބިކަން ހާމަކުރައްވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނާނީ، ގުޅިގެން އެކުވެރިކަމާ އެކީގައި، އެކުއެކީގައި ކުރިއަށްދިޔުމުގެ، މަޝްވަރާކޮށްގެން ކުރިއަށް ދިޔުމުގެ ސިޔާސަތު ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑުމެންނަށް ވާހަކަ ނުދެއްކޭނެ ފަރާތެއް ނޯންނާނެ. ދިވެހިރާއްޖޭގެ މަޞްލަޙަތު އިސްކޮށްގެން، ރާއްޖެ އިސްކޮށްގެން، ރާއްޖެއަށްޓަކައި ރާއްޖޭގެ މަޞްލަޙަތު އިސްކޮށްގެން އަޅުގަނޑުމެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ. އެ ވިސްނުމުގައި ޤައުމު ޙިމާޔަތް ކުރުމުގެ ޔަޤީންކަން ހާސިލުކުރަމުން، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެކިއެކި ފަރާތްތަކާ އަޅުގަނޑުމެން މަޝްވަރާކޮށް، ކާމިޔާބީ ހޯދަމުންދާނަން އިރާދަކުރެއްވިއްޔާ." ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއަދު އެކިއެކި ވުޒާރާތަކުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި ސަރުކާރުގެ ޢަޒުމަކީ، ލަހުންދިޔަ ސްޕީޑް، ބާރު ސްޕީޑަށް ބަދަލުކޮށް، ވަރަށް ހަލުވި މިނެއްގައި ކަންތައްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތުން ހުރިހާ ވަޒީރުން ތިއްބެވީ ރައްޔިތުންނަށް ހިދުމަތްކުރަން ކެތްމަދުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ރެޔާއިދުވާލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތުގައި މަސައްކަތް ކުރަމުން ދާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުން އެއްކައިރިކޮށްފައި އަޅުގަނޑުމެންނެއް މަސައްކަތެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަން، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ ކިބައިން އޮޅުންފިލުވަމުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ. ގުޅިލާމެހިގެން ހިނގަމުންދާނީ. އިރާދަކުރެއްވިއްޔާ އެގޮތުގައި ކުރިއަށްދާ ތަން ފެންނާނެ." މާލޭ ސިޓީގެ މޭޔަރު ކަމާއި 7 އަހަރު ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުޢިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން