މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް) ހޯދަން ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީން އިއުލާނުކޮށްފިއެވެ.

ސީއެސްސީން ވަނީ އަލަށް އުފެއްދި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސްއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާންކޮށްފައެވެ. މި ވުޒާރާތަކަށް ޕާމަނަންޓް ސެކްރެޓަރީ ކަމަށް ކުރިމަތިލާން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

މީގެ ކުރިން ހިންގަމުން ދިޔަ ބައެއް މިނިސްޓްރީތައް ދެބައިކުރުމަށްފަހު އައު ސަރުކާރުން ވަނީ އައު ހަތަރު މިނިސްޓްރީއެއް އުފައްދާފައެވެ. އެގޮތުން، އަލަށް ވެރިކަމަށް ވަޑައިގެންނެވި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ޖުމްލަ 22 ވުޒާރާއެއް ހިމެނެއެވެ.

މި ވުޒާރާތަކުގެ ޕީއެސް ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފުރިހަމަވާންޖެހޭ ޝަރުތު ތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހިންގުމުގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ޕީއެސްއެއްގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ކަނޑައެޅިފައި ވެއެވެ. އެއާއެކު، ޕީއެސްގެ މަޤާމް އަދާކުރައްވާ ފަރާތްތަކަށް، މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން