ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ޙައްލުކުރުމަށް، އާ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ބައެއް ކުންފުނިތަކުން މިނިސްޓްރީއަށް ކުޑަ އަގެއްގައި ބިޑް ހުށަހެޅި ނަމަވެސް ރައްޔިތުން އަތުން ބޮޑު އަގު ނަގައިގެން ހައްޖަށް ގެންދިއުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިތުރަށް ހުޝިޔާރުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"މާގިނަ ލާރި ރައްޔިތުންގެ އަތުން ނަގަނީ. 75، 80، 90 ހާސް ބިޑްގައި ޖަހާފައި، އިތުރަށް 50ހާސް 70 ހާސް އެބަ ނަގާ މީހުން އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިނޫންގޮތެއް އެބަ ހޯދަން ޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ޢަދަދު 2000 އަށް އިތުރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ރާއްޖެއަށް މިވަގުތު ލިބެމުންދާ 1000 ކޯޓާ އިތުރުކުރުމާއި ޙައްޖަށް ގެންދިއުމުގެ ކަންތައްތައް އިތުރަށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ޝަހީމް ވިދާޅުވީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތް ސައުދީ އަރަބިއްޔާގެ ވަފްދާއިއެކު މިކަމުގެ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ކޯޓާ އިތުރުކުރުމުގެ މަޝްވަރާތައް ރައީސް ވަނީ ފަށްޓަވާފައި. ހޮޓާ، ދަތުރުތައް، މިގޮތަށް ވަރަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭ. މިވަނީ މަޝްވަރާތައް ރައީސް ފަށްޓަވާފައި. ކޯޓާ ހަމަޖެއްސުމަކީ އެކަމަށް ވަރަށް އިންތިޒާމްތައް ބޭނުންވާ ކަމެއް. ހޮޓާ، ތިބޭނެ ތަންތަން، ދަތުރުތައް، މިގޮތަށް ވަރަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭ. މީހުން ގެންގޮސް އެމީހުންނަށް އުޅެވޭނެ ގޮތެއް ނެތި ކުރިއަކަށްނުދެވޭނެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޙައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަންގެ ދަށަށް ގެނެވުނު ނަމަވެސް، އުމްރާގެ ކޯޓާ ޕްރައިވެޓް ކުންފުނިތަކަށް ކުރިއެކޭވެސް އެއްގޮތަށް ދޫކުރާނެ ކަމަށެވެ.

ހައްޖު ކޯޕަޜޭޝަނަކީ 2013 ވަނަ އަހަރުގައި ޝަހީމްގެ މިނިސްޓަރުކަމުގެ ދުވަސްވަރު އުފެއްދި ކޯޕަރޭޝަނެކެވެ. މި ކޯޕަޜޭޝަންގެ މަޤްޞަދު ފުރިހަމަ ކުރުމަށްޓަކައި އެތަން އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަސަންފުތާ

21-Nov-2023

ހައްޖުކޯޕަރޭޝަން އިން އަގުހެޔޮވިޔަސް ކިއުގަ އެބަތިބެންޖެހޭ 5 އަހަރަށްވުރެ ގިނަ އަހަރުވަންދެން .މީހަކަށް ދިމާވެދާނެ ސިއްހީ ހާލަތެއް ނޭގޭނެ . ފަސް އަހަރުފަހުން ޗާންސް ލިބޭއިރު ބައެއްމީހުން ދުނިޔެ ދޫކޮށްފަ ނޫނީ ބަލިހާލަތު ހުރިގޮތުން ދަތުރު ނުވެވި ދަނީ މިހާރުވެސް ހައްޖު ކޯޕަރޭޝަންގެ ކިއުގަ މަޑުކޮށްގެން 2028 އަށް ޖާގަ ލިބިފަ އެބަތިބި



ޓްރެންޑިން