އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުން އިސްތިއުފާ ދެއްވަން އަދި ވިސްނާވަޑައިގެންފައި ނުވާ ކަމަށާއި، ސަރުކާރުން މަޤާމެއް ދޭން އުޅޭ ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން"އަށް މަޢުލޫމާތު ދެއްވަމުން ފުއާދު ވަނީ އޭނާ އީސީގެ ރައީސްކަމުން އިސްތިއުފާ ދެއްވަން އުޅޭކަމަށް ފެތުރޭ ވާހަކަތައް ދޮގުކުރައްވާފައެވެ.

"އަޅުގަނޑު އިސްތިއުފާއެއް ނުދެން. އަޅުގަނޑު އިސްތިއުފާ ދޭކަށް މުޅިއަކުން ނުއެއް ނިންމަން. ސަރުކާރުގެ އެއްވެސް ފަރާތަކުން އަޅުގަނޑަކަށް އަންގާފައެއް ނުވޭ އަޅުގަނޑަށް އެއްވެސް މަޤާމެއް ހަމަޖެހުނު ވާހަކައެއް. އަޅުގަނޑަކަށް އެއްވެސް މަޤާމެއް ހުށަހަޅުއްވާފަ ނުވޭ މިވަގުތާއި ހަމައަށް." ފުއާދު ވިދާޅުވިއެވެ.

އީސީގެ ރައީސް ކަމުގައި ހުންނަވައިގެން ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ފުއާދު މަޤާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވާހަކަދައްކަމުން ދާއިރު ފާއިތުވި ރިޔާސީ އިންތިޚާބު އޮމާންކަމާއިއެކީ ކުރިއަށް ގެންދަވާފައިވާތީ ވަރަށް ގިނަ ބައެއްގެ ތައުރީފު ފުއާދަށް ވަނީ ލިބިވަޑައިގެންފައެވެ.

ފުއާދު ވިދާޅުވީ އޭނާއަށް މަޤާމެއް ހުށަހެޅުނު ކަމުގެ ވާހަކަތައް ފެތުރެމުންދިޔަ ނަމަވެސް، އެކަމާއި ގުޅޭގޮތުން އޭނާއަށް އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މިވާހަކަތައް ފެތުރެމުންދަނީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އެއްވެސް މަޤާމެއް އޭނާއަށް މިވަގުތު ހުށަހެޅިފައިނުވާ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ. އެހެން ނަަމަވެސް، ޑިމޮކްރެޓްސް އަލުން އުފެދުނު ދުވަސްވަރުގައި އޭނާއާއި އީސީގެ ތިން މެންބަރުންނާއި ދެމެދު މައްސަލަ ޖެހި، އޭނާ މަޤާމުން އިސްތިއުފާ ދެއްވަން އެބޭފުޅުން ގޮވާލެއްވި ކަމަށް ވިދާޅުވިއެވެ. އަދި އޭރު އުފެދުނު ނުތަނަވަސްކަން އީސީ ތެރޭގައި އަދިވެސް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އޭރު އަޅުގަނޑު ބުނެފަ އޮންނާނެ ރިޔާސީ އިންތިޚާބު ނިމެންދެން އިސްތިއުފާއެއް ނުދޭނަމޭ. ރިޔާސީ އިންތިޚާބު ނިމުމަށްފަހު އަޅުގަނޑުގެ ކަންތައްތަކަށް ބަލާފައި އަޅުގަނޑު އެކަމާއި ދޭތެރޭ ވިސްނާނަމޭ. އެހެން ނަމަވެސް، އަޅުގަނޑު ވަކި ނިންމުމެއް އަދިއެއް ނުނިންމަން." ފުއާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން