ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބައުޅޭ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ފަރާތުން މިކަން ހާމަކުރެއްވީ އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ މިހާތަނަށް ސަރުކާރުން ހޯދި ހޯދުމުން ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބިކަން ހާމަވެފައިވާ ކަމަށެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލުތައް:-

ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން - 24 ސިފައިން

ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިން

ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން - 26 ސިފައިން

މެއިންޓެނެންސާއި އިންޖިނިއަރިންއަށް - އިތުރު ދެ ސިފައިން

މި ހުރިހާ ސިފައިން އިންޑިއާއަށް އަނބުރާ ފޮނުވުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެގޮތުން، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ވަޑައިގެންނެވި އެ ގައުމުގެ ސައިންސް އެންޑް އާތު މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލަން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، ކުރީ ސަރުކާރުން އިންޑިއާއާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެ އެއްބަސްވުންތަކުގެ ތެރޭގައި އުތުރުތިލަފަޅުގެ އެއްބަސްވުމާއި އެ ނޫން ވެސް ބައެއް އަސްކަރީ ކަންކަމާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މިންވަރު އެއްވެސް ވަރަކަށް ހާމަކޮށްފަނުވާތީ ޕީޕީއެމް-ޕީއެންސީ އަދި ރާއްޖޭގެ އެހެނިހެން ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން