އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް އެދި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ މިއަދުއެވެ. މި ބިލް ހުށަހެޅުއްވި މޮސްޓާ ވަނީ ހުރިހާ ދާއިރާއެއްގެ އާއްމު ރައްޔިތުން، އެދާއިރާގެ މެންބަރު އަރިހުގައި މިބިލަށް ތާއީދުކޮށްދެއްވުމަށް އެދުމަށް އެދިވަޑައިގެންފައެވެ.



މި ބިލުގައި ވަނީ، އިމިގްރޭޝަން ގާނޫނުގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ މާއްދާގައި، ޤައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް އުނިކަމެއް ފޯރުކޮށްފާނެކަމަށް ބެލެވޭ މީހުންގެ ފަހަތަށް "އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުން" މިފަދައިން ނަންބަރެއް އިތުރު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މޮސްޓާ މިބިލު ހުށަހެޅުއްވީ އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުގައި އެތައް ކުޑަކުދިންނާއި އަންްހެނުން މަރަމުން ދާތީ، އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ. މޮސްޓާ ވިދާޅުވިގޮތުގައި ރާއްޖެއަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރެއް ކަމަށެވެ. އަދި އަރަބި އެހެން ޤައުމުތަކުން އިޒްރޭލާއި ދެކޮޅަށް އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއަށްވެސް އެފަދައިން ކަންތައް ކުރެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވައިލާ ގަރާރެއް މިދިޔަ މަހުގެ 14 ވަނަ ދުވަހު ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހަޅުއްވާފައި ވެއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް މަޖިލީސް މެންބަރުން ވަނީ އިހުތިޖާޖުވެސް ކުރައްވާފައެވެ. އެއާއެކު، މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ލަފާވެސް އަރުވާފައެވެ.

މާދަމާ ހެނދުނު 9:45 ގައި މަޖިލިސް އިދާރާގެ ދޮރުމަތީގައި އަދި މެންދުރު 12:00 ގައި ފޮރިން މިނިސްޓްރީ ކުރިމަތީގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން