ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ 101 އެއްބަސްވުން ދިރާސާ ކުރުމަށްފަހު ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރުން ހޯދި ހޯދުންތަކުގެ އަލީގައި ކުރީގެ އެމްޑީޕީ ސަރުކާރުން އިންޑިއާއާއިއެކު 101 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.

"މި އަދަދުގެ ތެރޭގައި އަޅުގަނޑު މި ފާހަގަ ކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެފައި ހުރި އެއްބަސްވުންތައް ނުހިމަނައި، ޕްރޮޖެކްޓުތައް ހިންގަން ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި 100 އަށްވުރެ ގިނަ އެއްބަސްވުން އިންޑިއާއާއެކު ވެފައިވޭ. މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، ދެން މިއީ ވަރަށް ބޮޑު އަދަދެއްކަން ފާހަގަ ކޮށްލަން." ފިރުޒުލް ވިދާޅުވިއެވެ.

މި ހުރިހާ އެއްބަސްވުންތައް ސަރުކާރުން ދިރާސާ ކުރަން ވަރަށް ވަގުތު ނަގާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރިޔަސް އޭގެ ތެރޭގައި ހުންނަ އަސްކަރީ އެކިއެކި ޓެކްނިކަލް ޑީޓެއިލްތަކާ ގުޅޭ ކަންތައްތައް، އެއީ އޭގެ ޒާތުގައި ވެސް ގައުމީ ސަލާމަތާ ގުޅިގެން ދާނެ ކަންތައްތައްކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.

"ދެފަރާތުގެ ދެމެދުގައި ގާއިމު ކުރެވޭ އެއްބަސްވުމެއްގެ ތެރެއިން އަސްކަރީ، މިސާލަކަށް ވަކި ކަހަލަ ތަމްރީނެއް ކުރިއަށް ގެންދާނީ ކިހިނެއްކަން، އެކަންކަމުގެ ޓައިމްލައިންތައް، މިހެން ހުރި ތަފުސީލުތައް ޔަގީނަށް ވެސް އެއީ ގައުމީ ސަލާމަތުގެ މައުލޫމާތުގެ ތެރެއިން ހިފަހައްޓަންޖެހޭ ނުވަތަ ސިއްރު ކުރަންޖެހޭ ކަންތައްތަކަށް ވެގެންދާނެ." ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން