ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބި ލިޔުން ދީފައި ހުރި ތަންތަން މި ސަރުކާރުން އަނބުރާ ނުނަގާނެ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިފަދައިން ވިދާޅުވީ ސަރުކާރުން އެެއްވެސް ރައްޔިތަކަށް އެއްޗެއް ދީފައިވާނަމަ އެ އެއްޗެއް އަނބުރާ ނުގެންދަވާނެ ކަމަށް ރިޔާސީ ކެމްޕެއިން ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް ރައީސް މުއިއްޒު ތަކުރާރު ކުރައްވާފައިވާ ކަމަށެވެ.

"ލިޔުން ނިސްބަތްވާ ގޯއްޗަކީ ނުވަތަ ފްލެޓަކީ ގޯއްޗަކީ ވުޖޫދުގައި އޮތް އެއްޗެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެ. އޭގައި (ސްކީމްގައި) ހަގީގީ ކުލަ ޖައްސައިދިނުމުގެ ޔަގީންކަން (ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު) ކުރިންވެސް ދެއްވާފައިވަނީ." ފިރުޒުލް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި 40594 މީހުން ފޯމް ހުށަހަޅާފައި ވެއެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ފޯމު ހުށައެޅި 19347 ފޯމާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށައެޅި 21247 ފޯމެވެ. ކުރީގެ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި ފުރަތަމަ 4000 ފްލެޓްގެ ދާއިމީ ލިސްޓެއް ކަނޑައަޅާފައެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ގަވާއިދުން ދީފައިވާ އެއްވެސް ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އަތު ނުލައްވާނެ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓަށް އެދި ހުށައަޅާފައިވާ އެއްވެސް ފޯމެއްވެސް ބާތިލު ނުކުރައްވައި އެކަން މާ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން