އިސްލާމީ ދަޢުވަތު ފެތުރުމަށް ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެެ.

އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލައި އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ގެންދަވަނީ އޭނާގެ މިނިސްޓަރުކަމުގައި ކުރައްވަން ނިންމަވާފައިވާ ގިނަ ކަންކަން ހާމަކުރައްވަމުންނެވެެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ ދަޢުވަތު ފެތުރުމަށް ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި އެފަދަ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ އިސްލާމްދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކަށް މުޅި ރާއްޖޭގެ ޒުވާނުންނާއި ރައްޔިތުންގެ ހިތްތަކުގައި ހޭލުންތެރިކަން އިތުރުކޮށް ލޯބި ޖެއްސުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



"މި އެކްޝަން ޕްލޭންގެ ދެލިކޮޕީ މި ހަފްތާގައި ނިންމާނެ،" ރާއްޖޭގެ އެންމެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.ޝަހީމް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު މަގާމަށް އައްޔަން ކުރެއްވި ޑރ. ޝަހީމް ވަޒީރު ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ވަނީ ފައްޓަވާފައެވެ. ޝަހީމަކީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވައި ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއްކަން ގިނަ ބަޔަކު ފާހަގަކުރެއެެވެ.

ޝަހީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ އިތުރުން ވައިސް ޗާންސެލަރުކަން ވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން