ދައުލަތުގެ ބަޖެޓަކީ ބޭރު ގައުމުތަކަށް ސަލާން ޖަހައިގެން ހިންގާ ބަޖެޓަކަށް ވެފައިވާ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ މިއަހަރު ހިލޭ އެހީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ އަހަރަކުވެސް ހިލޭ އެހީގެ ގޮތުގައި އަންދާޒާ ކުރާ މިންވަރާއި ގާތަށްވެސް އެހީ ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓު ބަހުސްގައި އިލްޔާސް ވިދާޅުވީ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ހިސާބުތަކާއި ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"50 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަންފީޒުކުރުމަށް އަޅުގަނޑުމެންގެ ބަޖެޓުގެ 40 ޕަސެންޓު ޑިޕެންޑު ވަނީ ރާއްޖެއިން ބޭރުން ނަގާ ލޯނުތަކަށާއި، ހިލޭ އެހީއަށް. ކިހެނެއްތޯ މިހެން މި ދައުލަތުގެ ބަޖެޓު ހިންގަނީ؟ އަޅުގަނޑުމެންގެ ދައުލަތުގެ ބަޖެޓަކީ ބޭރު ގައުމުތަކުގެ ބޭންކުތަކަށް ސަލާން ޖަހައިގެން ހިންގާ ބަޖެޓަކަށް ވެ ނިމުނީ ނޫންތޯ؟" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ހިލޭ އެހީ ލިބެނީ ކިހިނެއްކަން އަދި ކޮންތަނަކުންކަން ރަނގަޅަށް ހާމަކުރައްވާފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.

"ދައުލަތަށް ލިބޭ އެއްޗަކުން ދައުލަތުގެ ރިކަރަންޓް ޚަރަދު ހަމަޖެއްސުމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ" ކަމަށް ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ އެކަން އެގޮތަށް ކުރެވިފައިނުވާ ކަމަށެވެ.

ބައެއް ކުންފުނިތަކަށް ބަޖެޓުގައި ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާކަން ފާހަގަކުރެއްވުމާއިއެކު ބަޖެޓުގައި ރިކަރެންޓު ޚަރަދުގެ ގޮތުގައި ފާހަގަކޮށްފައިވާ އަދަދުތަކަށްވެސް އިލްޔާސް ފާޑުވިދާޅުވިއެވެ. ކޮންމެ އަހަރަކު ބަޖެޓް ކުރާ ވަރަށްވުރެ ރިކަރަންޓް ޚަރަދު 1.4 ބިލިޔަން ރުފިޔާއިން އިތުރުވާކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ. އަދި މިއީ ސަރުކާރުގެ "މިސްމެނޭޖްމަންޓް"ގެ ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ރިކަރެންޓު ޚަރަދުތައް ބޮޑުނުކުރުމަށް ސަމާލުކަން ދީގެން ނޫނީ ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ގާއިމް ނުކުރެވޭނެ ކަމަށް އިލްޔާސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

400 މިލިއަން ޑޮަލަރު ރާއްޖެއަށް އެކި ތަންތަނުން ހޯދުމުގެ ބަދަލުގައި އެވަރުގެ އާމްދަނީއެއް ހޯދުމަށް އޭނާ ވަނީ އައު ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސުންދުރަ

22-Nov-2023

އެމް. ޑީ. ޕީ ބައިގަނޑު ލަދެއް ނުގަނޭތަ އަނގަހުޅުވަން


-2

ސްޓަރ

21-Nov-2023

މިބަޖެޓަކީ މުއިއްޒުގެ ސަރުކާރަށް ޖެއްސުންކޮށްބަލާޖެއްސުމަށް ރާވައިގެން ފެއިލްވިފިނޭންސްމިނިސްޓަރ އަމީރުމަޖިލީހަށްފޮނުވި ޓައިމްބޮމެއްޤައުމުދަވާލައިފަ ދަމުންހޭވިބޮޑުހަޑިއެއް.



ޓްރެންޑިން