ރޯދަ މަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެދިއްޖެއެވެ.

މި އިންތިހާބު ބާއްވަން ކަނޑައެޅިފައިވަނީ އަންނަ އަހަރުގައެވެ. ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް އީސީން އެދިފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވަނީ، ގާނޫނުގައި ބުނާ ގޮތުން މިހާރު ކުރިއަށްދާ މަޖިލިސް ނިމުމުގެ 120 ދުވަސް ކުރިން ޖެހިގެން އަންނަ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކަންކަން ފަށަން ޖެހޭކަން ކޮމިޓީގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅާނަމަ، އެ އިންތިޚާބު ބޭއްވޭނެ ތާރީޚަކީ މާޗު 19 ކަމަށް ހަބީބް ވިދާޅުވިއެވެ. ނަމަވެސް، އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރަށްވުމުން، ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުންކުރާތީ މާޗަށްފަހު އިންތިޚާބު ބާއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިމްތިހާންތައް ނިމި، އިންތިޚާބު ބޭއްވެން އަންނަނީ މާޗު 30 ގައި ކަމަށާ ނަމަވެސް އެއީ ރޯދަ މަހުގެ 20 ވަނަ ދުވަސްކަން ހަބީބް ފާހަގަކުރެއްވިއެވެ.

މިކަން ހައްލު ކުރެވޭނީ ޤާނޫނަށް ބަދަލު ގެނެސްގެން ކަމަށް ހަބީބު ވިދާޅުވިއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލައިގެން ނުވަތަ، އިންތިޚާބުގެ މަސައްކަތް ފަށަން ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމަށް ހަބީބު ވަނީ ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން