އަންނަ ޑިސެމްބަރުމަހު ޔޫއޭއީގައި އޮންނަ ކޮޕް 28 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޔޫއޭއީގެ ޔޫނިއަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޔޫއޭއީއަކީ ކުރިއެރުމާއި ތަރައްގީގެ މިސާލެއް ކަމަށާއި ތަރައްގީގެ ރޮނގުން ޔޫއޭއީން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

މިއަހަރަކީ ރާއްޖެއާއި ޔޫއޭއީގެ ގުޅުމަށް 45 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ މާޒީގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލުކުރެވިފައިވާކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ޔޫއޭއީން އެންމެފަހުން ވެދެއްވަން ނިންމެވި އެހީގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއީވެސް ދެ ގައުމު މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވަނީ މިމަހު ޔޫއޭއީގެ ދުބާއީގައި އޮންނަ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގެންނަވާނެކަން އިއުލާންކުރައްވާފައެވެ. ރައީސް ވިދާޅުވީ މިފަހަރުގެ ކޮޕް ސަމިޓަކީ ވަރަށް މުހިއްމު ސަމިޓެއްކަމަށާއި، ހާއްސަ ކުދި ޖަޒީރާ ގައުމުތަކަށް ސަމިޓުގެ މުހިއްމުކަން ބޮޑުކަމަށެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެކަށައަޅާފައިވާ ފަންޑް އޮޕަރޭޝަނަށް ގެނެސް، އެކަމުން ނަތީޖާ ނެރެންޖެހޭކަމަށެވެ.

ޔޫއޭއީގެ ޔޫނިއަން ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ އިއްޒަތްތެރިންނާއި ޑިޕްލޮމޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން