ރާޔާ ރިޟާ   22 ނޮވެމްބަރު 2023 - 15:48
ޕީއެންސީގެ ޕީޖީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު އައްޔަނުކޮށްފިއެވެ.

މިކަން އިއުލާންކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުންނެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަކީ މަޖިލިހުގެ ގަވައިދުގެ 256 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.

އަދި މަޖިލިހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ފަޒުލް ކަމުގައި އެ ޕާޓީން މަޖިލީހަށް އަންގާފައިވާކަމަށް އަސްލަމް އިއުލާންކުރެއްވިއެވެ.

ފަޒުލްއަކީ މީގެ ކުރީގައި ޕީއެންސީގެ ޑެޕިއުޓީ ލީޑަރެވެ. ޕީއެންސީގެ ޕީޖީ ލީޑަރަކަށް މީގެ ކުރީގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވު އާދަމް ޝަރީފް ލޯކަލް ގަވަނަންސް މިނިސްޓަރުކަމަށް ޢައްޔަނު ކުރެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ކެބިނެޓަށް އައްޔަން ކުރުމާއެކު މަޖިލީހުގައި ތިއްބެވި އެ ކޯލިޝަންގެ މެންބަރުން ވަނީ މަދުވެފައެވެ. މިވަގުތު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމްއާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތޯރިގެވެ. އަދި ޕީއެންސީ ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނަކީ ފަޒުލްގެ އިތުރުން ، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން