ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި މައްސަލާގައި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފިއެވެ.

މަލީހު ސަސްޕެންޑުކުރަން ނިންމަވައި ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައި ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީހު އިސްވެ ހުންނަވައިގެން ކުރައްވާކަން ޕާޓީގެ ލީޑާޝިޕުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ލީޑާޝިޕާއި އެޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލައަށް ކޮމިޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ނުވަތަ ޕާޓީގެ ސެނެޓާ މަޝްވަރާނުކުރައްވައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ޕާޓީގެ އަސާސްތަކާ ޚިލާފަށް ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީހު ކުރެއްވިކަމަށް އެ ސިޓީގައި ވެއެވެ.

ޕާޓީގެ އަސާސީ ޤަވާއިދުގެ 8 ވަނަ މާއްދާއިން ޕާޓީގެ ލީޑާޝިޕަށް ލިބިފައިވާ ބާރުތަކުގެ ދަށުން މަލީހު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވާކަމަށް ސިޓީގައި އަންގާފައިވެއެވެ.

ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް މަލީހު ސަސްޕެންޑުކުރުމާއެކު، އޭނާގެ މައްސަލަ ބެލުމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައިވެސް ސިޓީގައި ބުނެފައިވެއެވެ.

"އަދި މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަނިކުފާނު އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެކަންވެސް އެންގީމެވެ." ސިޓީގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން