ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގެ ދައުރު ހަމަވުމުގެ އެއް ދުވަސްކުރިން ތިލަމާލެ ބްރިޖާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ބްރިޖުގެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ވިދާޅުވީ ބްރިޖުގެ މަސައްކަތާއި ގުޅޭގޮތުން އެފްކޮންސް ކުންފުންޏާއެކު ސަޕްލިމެންޓްރީ އެގްރިމަންޓެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އެ ސަޕްލިމެންޓްރީ އެގްރިމަންޓްގައި ސޮއިކޮށްފައި ވަނީ ރައީސް ސާލިހުގެ ދައުރު ހަމަވުމުގެ އެއް ދުވަސް ކުރިން ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓްރީ އެގްރިމަންޓްގައި އޮތްގޮތުން ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމުމަށް އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓްރީ އެގްރިމަންޓުގައި ވަނީ ބްރިޖުގެ މަސައްކަތް ނިންމުމަށް އޮތް އެކި ތާރީހުތަކަށް ބަދަލު ގެނެސްފައި ކަމަށެވެ. އެގޮތުން ތާރީހުތަކުގެ މުއްދަތު ދެ ގުނަ އިތުރުކޮށްފައިވާކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބްރިޖުގައި ހިމެނޭ ދެ ސެކްޝަންގެ ތެރެއިން މާލެއާއި ގުޅިފަޅާއި ހަމައަށް އޮތް ސެކްޝަންގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ބާރު އަޅަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓް ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ބްރިޖުގެ މަސައްކަތް އަވަސްކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން