ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލި ނަމަވެސް އެ ގައުމުން ރާއްޖެއަށް އުފަލާއިއެކު އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ގަބޫލުކުރާކަމުގައި އިންޑިއާ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ “އިންޑިއާ ޓުޑޭ” އިން ޝާޢިއު ކުރި ރިޕޯޓަކަށް ދެއްވި އިންޓަވިއު އެއްގައި އިންޑިއާގެ އިސް އަސްކަރީ އޮފިޝަލެއްކަމަށްވާ ވައިސް އެޑްމިރަލް އަނިލް ކުމާރް ޗައުލާ ވިދާޅުވީ ރާއްޖެއަށް ހުރިހާ ކަނޑުމަތީގެ އެހީތެރިކަމެއް ފޯރުކޮށްދެމުންދަނީ އިންޑިއާއިން ކަމަށެވެ. އެގޮތުން އިންޑިއާގެ ސިފައިން ފޭބުމުންނާއި އެހެން ބަޔަކު އެ މަސައްކަތްތަކާއި ހަވާލުވުމުން އެ ގައުމަށް ބައެއް ދަތިތައް ކުރިމަތިވުމުގެ ފުރުސަތުތައް އޮތްކަން އޭނާ ފާހަގަކުރެެއްވިއެވެެ.

އިންޑިއާގެ އަސްކަރިއްޔާގެ އިސް ބޭފުޅެއް ކަމަށްވާ ލެފްޓިނެންޓް ޖެނަރަލް އަނިލް އަހޫޖާއާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖެއަކީ އެއްވެސް ހާލަތެއްގައި އިންޑިއާއިން އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގައުމެއް ނޫންކަމަށެވެ. އެހެންކަމުން ރާއްޖެއިން އެ ގައުމުގެ ސިފައިން ބޭލުމަކީ އަސްކަރީ ވިސްނުމެއްގެ މަތިން ކުރެވެމުންދާ މަސައްކަތްތަކަކަށްވުރެ ބޮޑަށް ސިޔާސީ މަސައްކަތެއްކަމަށް ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލިނަމަވެސް އިންޑިއާއިން ރާއްޖެއަށް އުފަލާއިއެކު އެހީތެރިކަން ފޯރުކޮށްދޭނެކަަމަށް ގަބޫލުކުރާކަމަށް ޖެނަރަލް އަނިލް އަހޫޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުޅުން މިހާރު އޮތް ގޮތަށް ބަދަލުކޮށް ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މައުލޫމާތު ހިއްސާކުރުން ފަދަ މަސައްކަތްތައްވެސް ކުރެވިދާނެކަަމަށެވެ. އެހެންނަމަވެސް އެ ގައުމަށް ރާއްޖެ މުހިންމު ވަރާއިމެދު އެއްވެސް ބަޔަކަށް ދެކޮޅު ނުހެދޭނެކަމަށް އޭނާ ވަނީ ފާހަަގަކުރައްވާފައެވެ.

“އިންޑިއާ ޓުޑޭ" ގައި އިންޑިއާގެ އަސްކަރިއްޔާގެ ފޮރިން ކޯޕަރޭޝަން ޑިޕާޓުމެންޓުގެ ކުރީގެ އިސްވެރިޔާ ރިއަރ އެޑްމިރަލް ސުދަރްޝަން ޝްރިކާންޑެއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާގެ އަސްކަރިއްޔާގެ މުއައްޒަފުން ރާއްޖޭގައި އެކި މަސައްކަތްތައް ސަރުކާރާއި ގުޅިގެން ކުރެއެެެވެ. އަދި އެއީ ރާއްޖޭގެ ދައުވަތަކަށް ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށާއި ކުދި އަސްކަރީ ޔުނިޓުތައް މަސައްކަތްކުރަމުންދަނީ ދެފުށް ފެންނަ އުސޫލެއްގެ ދަށުންކަމަށްވެސް ކުރީގެ އިސްވެރިޔާ ރިއަރ އެޑްމިރަލް ސުދަރްޝަން ޝްރިކާންޑެ ވިދާޅުވި ކަމަށް އެ ރިޕޯޓްގައިވެއެވެ.

ރާއްޖޭގައި އިންޑިޔާގެ 77 ސިފައިން އެބަތިބި ކަމަށް ދިވެހި ސަރުކާރުން ދާދިފަހުން ވަނީ ހާމަކޮށްފައެެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުކެެވެ. އެމަނިކުފާނު މިހާރު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދަން އެގައުމުގެ ސަރުކާރުގައި ރަސްމީކޮށް ވަނީ އެދިވަޑައިގެންފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން