ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް އިޚްލާސްތެރި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މަލީހާއި ޖަމީލަކީ "ލާހޫރޭ" ދެބޭފުޅުން ކަމަށާއި އެދެބޭފުޅުން ނުވަންނަ އެއްވެސް ޕާޓީއެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން، އެފަދަ ބޭފުޅުން ދައްކަވާ ވާހަކަ އަޑުއައްސަވައިގެން ރައްޔިތުންގެ ގާތަށް 'ހިނި' އައުން ނޫން ކަމެއް ނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މަލީހު ވެސް ޖަމީލު ވެސް، އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ލާހޫރޭ މީހުން. އަބަދުވެސް ގަދަވާ ކޮޅަކަށް ދުވާތަން އަޅުގަނޑުމެންނަށް ފެންނަނީ. ރައީސް ޔާމީންގެ ވެރިކަމަށް މާ ގިނަދުވަހެއް ނުވަނީސް (ޖަމީލު) ބަޣާވާތްކުރަން މަސައްކަތްކުރީ،" އަދުރޭ ވިދާޅުވިއެވެ.

އެކަމާގުޅިގެން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ޖަމީލު މަޖިލީހަށް ވަޑައިގަތުމުގެ ބަދަލުގައި ފިއްލެވީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޑރ. ޖަމީލަކީ މީގެ ކުރީގައި ރައީސް ޔާމީންގެ އިތުބާރު ގެއްލުވާލާފައިވާ ނައިބު ރައީސެއް ކަމަށެވެ. އަދި އޭނާ ކުރެއްވި ކަންތައްތަކުގެ ހެކި، ޚުދު ރައީސް ޔާމީން އަމިއްލަޕުޅަށް ދެއްކެވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެއަށްފަހު، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތްކުރެއްވީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މަލީހުވެސް ހަވާލުވެވަޑައިގެންނެވި ވުޒާރާގެ މަސައްކަތް ކުރެއްވުމުގައި ނާކާމިޔާބުވެވަޑައިތުމުން މަޤާމުން ވަކިކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އެއާއެކު، މަލީހުވެސް ރައީސް ޔާމީނާއި ދެކޮޅަށް ވާހަކަދައްކަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތިމަންނަމެން ނިކުތީ ޕީޕީއެމްއާއި ދެކޮޅަކަށް ނޫން. ޔާމީން ބަލިކުރަން." 2018 ވަނަ އަހަރުގެ އިންތިޚާބު ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން އޭރުގައި މަލީހު މިފަދައިން ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މަލީހު އާއި ޖަމީލު މިވަގުތު އެމަސައްކަތް ކުރައްވަނީ އެބޭފުޅުންގެ ސިޔާސީ ކެރިއަރ ކޮޅަށް ޖެއްސެވުމަށް ކަމަށާއި އެބޭފުޅުން ރައީސް ޔާމީންގެ ނާޖާއިޒު ފައިދާ ނަންގަވަމުންދާ ކަމަށެވެ. އެދެބޭފުޅުންނަކީ އިޚްލާސްތެރި ބައެއް ނޫންކަމަށް ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ މުޢިއްޒުގެ ސަރުކާރުން އިސް މަޤާމެއް ލިބިވަޑައިގަތްނަމަ، އެދެބޭފުޅުންނަށް މުޢިއްޒު ވަރެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޙައްޤުގައި އެންމެ ބުރަ މަސައްކަތް ކުރެއްވީ އޭނާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭރުގައި އިތުބާރުކުރެއްވި ފަދައިން އަދިވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ދޮރުތައް ރައީސް ޔާމީނަށްޓަކައި ހުޅުވިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕުން އެމަނިކުފާނާއި ގުޅުން ނުބާއްވާ ކަމަށް ވިދާޅުވެ، ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު، އައު ޕާޓީއެއް އުފައްދަވަން ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދުއްރާސް

26-Nov-2023

މިހާވަރަކަށް އިޙްލާސްތެރިވެވޭނީ.


0

އަހުމަދު

26-Nov-2023

ޔާމީނަށް އެންމެ އިޚްލާސްތެރިވާނީ އަދުރޭ



ޓްރެންޑިން