ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ހެޔޮއެދިވަޑައިގަތީ ކޮން ދުވަހެއްގައިތޯއޭ ވިދާޅުވެ ރައީސް ޔާމީންގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ސުވާލު އުފައްދަވަފިއެވެ.

ޔާމީން އުފައްދަވާ އައު ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހެޅުއްވުމަށްފަހު، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމީލު ވިދާޅުވީ ޤައުމަށްޓަކައި ބޮޑެތި ގުރުބާނީތައް ވެވަޑައިގަތީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ކަމަށެވެ. އެގޮތުން، ޤައުމީ މަސްލަހަތު އިސްކުރައްވާ، އެމަނިކުފާނުގެ ގޮނޑިވެސް، ޕީޕީއެމް-ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވި ޑރ. މުޙައްމަދު މުޢިއްޒަށްޓަކައި ގުރުބާންކުރެއްވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލުގައި 4 އަހަރު ދުވަސް ހޭދަކުރެއްވި. ރައީސް ޔާމީން ހުރިހާ ގުރުބާނީއެއް ވެވަޑައިގަތީ. ރައީސް ޔާމީނެއް ނޫންތޯ މިއިންތިޚާބަށްޓަކައި ހުރިހާ ގުރުބާނީއެއް ވެވެޑައިގަތީ؟ މި އިންތިޚާބު ކާމިޔާބުވެވަޑައިގަތްފަހުން ކޮން ދުވަހަކުތޯ ޝުކުރުގެ ލަފުޒެއް ޢަބްދުއްރަހީމް ނުވަތަ އެހެން ބޭފުޅެއްވެސް އަދާކުރެއްވީ؟" ޖަމީލު ވިދާޅުވިއެވެ.

"ރައީސް ޔާމީން ގެއަށް ވަޑައިގަތުމަށްފަހު ކީއްވެގެންތޯ ލީޑަޝިޕްގައި ހިމެނޭ، އެއްވެސް ބޭފުޅެއްގެ ނަމެއް ދަންނަވާކަށް ބޭނުމެއް ނޫން، އެއްވެސް ބޭފުޅަކު ރައީސް ޔާމީނާ ހަމައަށް ވަޑައިނުގަތީ. އެއީ އެހާ އަގެއް ނެތް ބޭފުޅަކީތޯ؟ އެއީ އެހާ ދެރަ ބޭފުޅަކީތޯ؟ ގުރުބާނީވެވަޑައިގަންނަވާ ބޭފުޅަކަށް ނުވަނީތޯ؟ އެއީ މި ގައުމަށް އެއްވެސް ހިދުމަތެއް ނުކުރައްވާ ބޭފުޅަކީތޯ؟ އެއީ ޕީޕީއެމްގައި އެ ތިބަ ކުޑަކުދިންނާއެކީގައި މި ދަތުރު، ބިޔަ ދަތުރު ކުރައްވައި ވެރިކަން ބަދަލުކުރަން އެއްވެސް އަގެއް އަދާކުރައްވާ ބޭފުޅަކަށް ނުވަނީތޯ؟" ޖަމީލް އިތުރަށް ސުވާލުުކުރެއްވިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ނަމުގައި ރައީސް ޔާމިން އުފައްދަވަމާ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުދައަށް އެދި މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. އެހުއްދައަށް އެދި ހުށައެޅީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީންގެ ނަމުގައެވެ.

ޖަމީލުގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ ރައީސް ޔާމީންގެ އަސްލު ހަގީގި ވަފާތެރިންނާ އަސްލު ހަގީގީ އެކުވެރިންނާއެކު މި ފަށާ ސިޔާސީ ދަތުރު ވެގެންދާނީ ދިވެހިރާއްޖެ ބަދަލުކޮށްލާނެ ސިޔާސީ ދަތުރަކަށް ކަމަށެވެ.

ރައީސް ޔާމީން ޕީޕީއެމްއާއި ވަކިވެވަޑައިގަތުމަށްފަހު އަމިއްލަ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެއްޓެވީ ޕީޕީއެމްގެ ލީޑަރޝިޕުން އެމަނިކުފާނާއި އޮންނަ ގުޅުން ހީނަރުވުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން