އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދައިގެ ފަހުން ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިން ލަފަޔާމެދު އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެދުނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރީން ބޭއްވުމަށެވެ. އެއީ ގާނޫނުގައި އޮތްގޮތަށް އެކަން ކުރާނަމަ ރޯދައިގެ ތެރެއަށް އިންތިޚާބު ވަންނާތީއެވެ.

ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު އެރުވި ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަ މަހަށްފަހު ވެސް ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަންބޮޑުވާ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

މީޑިއާއަކާއި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ރޯދައަށްފަހު އިންތިހާބު ބާއްވާނަމަ މުޅި ރޯދަ މަސް ތެރޭގައި މުއައްޒަފުން ތިބެން ޖެހޭނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތުގައި ކަމަށާއި އެހެންކަމުން ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ އިންތިހާބުތަކުގެ ސަބަބުން މިދިޔަ ހައްޖުގެ ދުވަސްތަކާއި އީދު ދުވަސްތައްވެސް އެ ކޮމިޝަންގެ މުއައްޒަފުންނަށް އެއްވެސް ލުޔެއް ނުލިބި އުޅުނީ މަސައްކަތުގައި ކަމަށެވެ.

"ކުޑަ މުސާރައެއްގައި މުއައްޒަފުން ގެންގުޅެން ޖެހޭ އިރު މިފަދަ ނިންމުންތައް ނިންމުމަކީ ހަމަގައިމު ވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" އޮންލައިން ނޫހަކާއި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އިންތިހާބު ބާއްވަން އެންމެ ރަނގަޅުވާނީ ރޯދައިގެ ކުރިއެވެ. އެއީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަންޏާ އީދާއި ދިމާވެ ވޯޓްލާ މީހުންގެ އަދަދު މަދުވުމުގެ ފުރުސަތު އޮތުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ގާނޫނުގައި ހުރި މުއްދަތަކަށް ގާނޫނީ ހައްލުތަކެއް ހޯދާއިގެން ރޯދަމަސް ފެށުމުގެ ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވިދާނެ ކަމަށެވެ. އެކަމަކު އޭރުން ކެމްޕެއިން ކުރަން އޮންނަ މުއްދަތު 30 ދުވަހުން 20 ދުވަހަށް ކުޑަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން