ކުރީ ސަރުކާރުން މަޤާމްތަކަށް ޢައްޔަންކުރަން މަޖިލީހަށް ފޮނުވި ނަންތައް އަނބުރާ ގެންގޮސްފިއެވެ.

މިއަދުގެ މަޖިލީސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ޢައްޔަން ކުރަން ފޮނުވާފައިވާ ނަންތައް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ގެންދަވާފައިވާކަން އިޢުލާން ކުރައްވާފައެވެ.

މީގެއިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ސަފީރުކަމަށް ޢައްޔަންކުރައްވަން މަޖިލީހަށް ފޮނުއްވި ނަންތައްވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް އަސްލަމް އިޢުލާންކުރައްވާފައި ވެއެވެ.

އެގޮތުން، ޗައިނާ އަށް ކަނޑައެޅި ހުދާ ޢަލީ ޝަރީފާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި މިދްފާ ނައީމްއާއި ބަންގްލާދޭޝް އަށް ކަނޑައެޅި ޝިއުނީން ރަޝީދްގެ އިތުރަށް ޕާކިސްތާނަށް ކަނޑައެޅި ސެލީނާ ހަދީޖާ ނަޖީހާގެ ނަން ވަނީ އަނބުރާ ގެންގޮސްފަވެއެވެ.

ނިމިދިޔަ އޭޕްރިލް މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިވްރީން އާއި މި އަހަރުގެ މެއި މަހު އައްޔަން ކުރެއްވި މުޙައްމަދު އާޒާދަށް ރުހުން ދިނުމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައި ވެއެވެ. އެހެން ނަމަވެސް، އެ ދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން