އޭނާގެ ކުށަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ދިފާއުގައި މަސައްކަތް ކުރެއްވުންތޯއޭ ވިދާޅުވެ ޔާމީންގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް އަރިހުން ސުވާލު ކުރައްވައިފިއެވެ.

ޖަމީލު މިފަދައިން ސުވާލުކުރެއްވީ އޭނާގެ އިޚްލާސްތެރިކަމާއި ބެހޭގޮތުން ނައިބު ރައީސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައެވެ.

"މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވާކަހަދައްކަވަމުން ނައިބު ރައީސް ޙުސައިން ވިދާޅުވިގޮތުގައި ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޖަމީލަކީ ޔާމީނަށް އިޚްލާސްތެރި ބޭފުޅެއް ނޫން ކަމުގެ ހެކިތައް އެބަހުރި ކަމަށެވެ.



އޭގެ ރައްދުގައި ޖަމީލު ވިދާޅުވީ އޭނާގެ ހަމައެކަނި ކުށަކީ އެހެން ހުރިހާ ބޭފުޅުންނަށް މިއަދު ބޮޑެތި މަގާމުތައް ލިބިވަޑައިގަތުމުން، ރައީސް ޔާމީން މަތިން ހަނދުމަފުޅު ނެތުނު ވަގުތުކޮޅު އެމަނިކުފާނު ގިނިކަންޏާ ދޫކޮށްނުލައްވައި އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅަށް ފާޑުވިދާޅުވަމުން ޖަމީލު ވިދާޅުވީ އެފަދަ މަޤާމެއްގައި ހުންނެވި ބޭފުޅަކު ޢާންމު މީހަކަށް ނިސްބަތްކުރައްވާ ބަހުގެ ހަމަލާތައް ދެއްވުމަކީ ހިނިއަންނަ ޒާތުގެ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ކުށަކީ ކޮބާ؟ އެއީ ވަރުބަލިކަމެއްނެތި ކުރީގެ ރައީސް ޔާމީން ކޯޓުގައި ދިފާއުކޮށް، އެހެން އެންމެން ކާމިޔާބުގެ އެންމެ އުސްމިނުގައި އެމަނިކުފާނު ދޫކޮށްލިއިރު އެމަނިކުފާނުގެ އަރިހުގައި ހުރުންތޯ؟" ޖަމީލު ސުވާލުކުރެއްވިއެވެ.

"އަޅުގަނޑު ވަރަށް މަސައްކަތްކުރިން މި ސަރުކާރު ވެރިކަމަށް ގެނައުމަށް. އަދިވެސް އަނިޔާވެރިކަމަށް ބޯނުލަނބާނަން." ޖަމީލު އިތުރަށް ވިދާޅުވިއެވެ.

ޖަމީލު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނާއެކު ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އުފައްދަވާ ޕާޓީގެ ކަންކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން