ކެބިނެޓަށް ޢައްޔަންކުރާ ފަރާތަކާ ޒާތީވެ، ރުހުން ނުދިނުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ މަޖިލީހުގައި މެޖޯރިޓީ މެންބަރުން ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައްޔިތުން ހޮވާފައިވާ ސަރުކާރަކަށް މަޤްބޫލު އުޒުރެއްނެތި ހުރަސް އެޅުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރުހުން ދިނުމަށްފަހު އެބޭފުޅަކު ޤާނޫނާ ހިލާފަށް ކަމެއް ކުރެއްވިއްޔާ އިތުބާރު ނެތްކަމަށް ލައިގެން އެބޭފުޅަކު ބޭރު ކުރެވިދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެނޫން ޙާލަތެއްގައި އެގޮތަށް ކަންތައްކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެހާ ދަށު ދަރަޖައިގެ އަމަލެއް ފެނިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އޭގެ މާނައަކީ ރައްޔިތުން ނިންމި ސަރުކާރު ހިންގުމަށް ހުރަސްއެޅުން، އެމްޑީޕީގެ ފަރާތުން އެފަދަ ކަމެއް ކުރައްވަފާނެކަމާމެދު އަޅުގަނޑު ނުދެކޭތީ. ދެން އެކަން އެގޮތަށް ކުރެއްވުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް އަޅުގަނޑު ގަބޫލުކުރާ ވާހަކަ ދަންނަވާލީ." މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޑރ. މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވަނީ ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރަށް ރުހުން ނުދެއްވުމަށް ގޮވާލައްވާފައެވެ.

މީގެކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރަކު "ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ވަނީ ރައީސް ޑރ. މުއިއްޒު ރުހުން ހޯދަން ފޮނުއްވި 22 ވަޒީރުންގެ ތެރެއިން ޑރ. ހައިދަރު ހިމެނޭހެން 5 ބޭފުޅަކަށް ރުހުން ނުދިނުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް މަޢުލޫމާތު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން