ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ވަނީ އިސްލާހެއް ހުށައަޅާފައެވެ. އެ އިސްލާހު ހުށައަޅާފައިވަނީ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއެވެ.

ޑިމޮކްރެޓުން ބުނީ މި އިސްލާހު ހުށައެޅީ އެ ޕާޓީގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގެ ދަށުން ކަމަށެވެ.

މި އިސްލާހު ފާސްކުރުމާއި މެދު މިއަދު ތަޅުމުގައި ވޯޓަށް އެހުމުން އިސްލާހު ފާސްކުރުމަށް ވޯޓް ދެއްވީ އެންމެ 12 މެމްބަރުންނެވެ. އިސްލާހު ފާސްކުރުމަށް ނުފެންނަ ކަމަށް 38 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ކޮންމެ މެމްބަރަކު 5،000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. އެގޮތުން އަންނަ އަހަރުގެ އިންތިހާބުގައި މަޖިލީހަށް 93 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން