ކުރީ ސަރުކާރުން ބިނާކުރި ފްލެޓްތަަކާއިމެދު އަމަލުކުރާނެ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން 20 ދުވަސް ތެރޭގައި އަންގާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާ މެދު މި ސަރުކާރުން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް، ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ފްލެޓްތަކުގެ މައްސަލައިގައި ވަކި ގޮތެއް ނިންމޭނީ އޭސީސީގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ ފްލެޓްތައް ދޫކުރުން އޭސީސީން ހުއްޓުވާފައިވަނީ ކުރީ ސަރުކާރުގެ ދައުރުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެކަމުގައި މިނިސްޓްރީގެ "އަތްބަނދެވިފައިވާ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭސީސީން އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންނަށް އަމަލުކުރެވޭނީ. އަޅުގަނޑުމެންގެ އަތް ބަނދެވިފައި މިއޮތީ. އަޅުގަނޑުމެން ވެރިކަމަށް އައިއިރު އޭސީސީއިން އެކަން ހުއްޓުވާފައި އޮތީމާ. އޭސީސީއާއި ބައްދަލުކޮށްގެން އަޅުގަނޑުމެންވެސް އަވަސްކުރަން ބޭނުންވާތީ ބައްދަލުކުރީ. އެބޭފުޅުން ވިދާޅުވަނީ ފުރަތަމަ މަރުހަލާ 20 ދުވަސް ތެރޭގައި ނިންމާނަމޭ. އެހިސާބުން އަޅުގަނޑުމެންނަށް، މައްސަލައެއް ނެތް ކަމުގައިވާނަމަ ހަވާލުކުރުމުގައި އެއްވެސް ކަހަލަ ހުރަހެއް ނާންނާނެ." ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ފުށިދިއްގަރުފަޅުގެ ބަދަލުގައި އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމާ، ފްލެޓާއި ގޯތި ހަވާލުކުރުމަށް ކަމަށްވެސް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންނަށް ފްލެޓް ދޫކުރުން ހުއްޓާލުމަށް އޭސީސީން އެންގި ފަހުންވެސް ކުރީ ސަރުކާރުން އެމަސައްކަތް ކުރިއަށް ގެންދިޔައެވެ. އެހެން ނަމަވެސް، އެ މަސައްކަތް ފަހުން ވަނީ ހުއްޓާލާފައެވެ. އެ ފްލެޓްތަކުގެ ދާއިމީ ލިސްޓު އެކުލަވާލީ ރަނގަޅަށް ނޫން ކަމަށްބުނެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙުސައިން

27-Nov-2023

މިހާރު ތިޔައުޅެނީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރާނަމޭ ހިތާ ޕާޓީކުދިންކޮޅަށް ބަހާލަން ވެގެން! ހައްތަހާދޮގު، އެކިފަހަރު އެކިގޮތަށް ވާހަކަދައްކާ ދެއުޅި އެއްނުވާ ބައެއް މިހާރު ސަރުކާރުގައި ތިޔަތިބީ! ކަންތައްތައް ކުރަންނޭގެންޏާ އިސްތިއުފާދީފަ ގެއަށް ކަނޑާލާ!



ޓްރެންޑިން