ރައްޔިތުންގެ ބައިވެރިވުމާއެކު ލާމަރުކަޒީ ނިޒާމާއި ގުޅޭ އިލްމީ ދިރާސާއެއް ހައްދަވާނޭކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ތައާރަފްކޮށްގެން ކުރިއަށް ގެންދާތާ އަހަރުތަކެއް ވެފައިވާއިރު އެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބަލަންޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޔުނިވަރސިޓީތައް މެދުވެރިކޮށް އިލްމީ ދިރާސާއެއް ކުރިއަށް ގެންދިއުމަށްކަމަށާއި، އަދި އެ ދިރާސާގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައި އޮތީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށް ސަރުކާރުން ކަންކަން ކުރާނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ދިރާސާގެ އެންމެ ބޮޑު ބޭނުމަކީ ލާމަރުކަޒީ ނިޒާމު ކުރިއަށްދަނީ ރަނގަޅަށްތޯ އާއި އެކަމުގައި ގެންނަންޖެހޭ ބަދަލުތަކާއި އެހެނިހެން ކަންކަން ދެނެގަތުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ރައްޔިތުން ބޭނުން ވަނީ ކޮން މިސްރާބަކަށް ގެންދަންތޯ އާއި އެ މިސްރާބަށް ގެންދަން ކުރަންޖެހޭ ކަންކަން އެ ދިރާސާގެ ތެރެއިން ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސްފައިވަނީ މާބޮޑު މަޝްވަރާތަކެއް ނުވަތަ ދިރާސާތަކެއް ނެތިކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ މަންފާތައް ނުލިބޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން