ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް

ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީ ވިލާތަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް އޮޅުންފިލުއްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެޤައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުންވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ޤައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. ހަމަ އެއާއެކު ތަމްރީނުގެ ފުރުޞަތުތަކާއި، ސްކޮލަރޝިޕް ފުރުޞަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް

ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމުގައި ވިދާޅުވެފައެވެ.

ހަމައެއާއެކު، ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލަރޝިޕް ފުރުޞަތު ދެއްވާނެކަން ޔަޤީންކޮށްދެއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ފުރުޞަތުތައް މިއަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން އެމަނިކުފާނު ޙިއްޞާ ކުރެއްވިއެވެ.

އަދި މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މުސްތަޤުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަޤީންކަން އޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގައި ފެތުރުނު ކޯވިޑް 19ގެ އާލަމީ ވަބާއާއި ގުޅިގެން ކަމަށް ބުނެ ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން ކުރެވޭ މުއާމަލާތްތަކަށް ކަނޑައެޅި ލިމިޓް، ރާއްޖޭގެ އިގްތިޞާދު ކުރިން އޮތް ހާލަތަށް ރުޖޫޢަވެގެން ދިޔައިރުވެސް އެގޮތުގައި ހިފަހައްޓާފައި އޮތުމުން ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވަނީ ތަކުލީފުތަކެއް އުފުލާން ޖެހިފައެވެ. އެގޮތުން ކާޑު ލިމިޓްގެ ސަބަބުން އާންމު މުހުތާދު ތަކަށް ވެސް ކަޅުބާޒާރުން ބޮޑު އަގުގައި ބޭރުފައިސާ ގަންނަން ޖެހުމަކީ ރާއްޖޭގައި މިހާރު އޮތް ބޭރުފައިސާގެ ކަޅުބާޒާރު އިތުރަށް ފުޅާވުމަށް ދިމާވާ ސަބަބެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަޖާއިބު

29-Nov-2023

ރައްޔިތުން ބޭނުންވާ ރައްޔިތުންނަށް ފައިދާ މިންގަނޑަށް ބީއެމްއެލް ބަދަލުކުރުން މާ ރަނގަޅުވާނެ


1

އަޖާއިބު

29-Nov-2023

ރައްޔިތުން ބޭނުންވާ ރައްޔިތުންނަށް ފައިދާ މިންގަނޑަށް ބީއެމްއެލް ބަދަލުކުރުން މާ ރަނގަޅުވާނެ



ޓްރެންޑިން