ޓަރކިޝް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށާއި, ތުރުކީގެ އިންވެސްޓްމަންޓްތައް ފަތުރުވެރިކަމުގެ ދާއިރާގައި އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީއަށް މިހާރު ކުރައްވަމުުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އަރސޯއި އެމަނިކުފާނުގެ އަރިހަށް ކުރެއްްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ހޯމަދުވަހުގެ ހަވީރު ތުރުކީވިލާތުގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި އޮތް ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމާއި ހާރިޖީ ވަޒީރު މޫސާ ޒަމީރާއި ސަރުކާރުގެ އެހެން އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މެހްމަތް ނުރީ އަރސޯއި ވަނީ އެ މަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައި، މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރ މެހްމަތް ނުރީ އަރސޯއިއަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން ވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓަރކިޝް އެއާރލައިންސްގެ ފްލައިޓުތައް ދިވެހިރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީވިލާތުގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ މި ދެ ޤައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާމެދު ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ބަދަލުކުރެވި، މަޝްވަރާ ކުރައްވާފައިވެއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޚާރިޖީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ މެއި 28، 1979 ވަނަ އަހަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން