ކުންފުނި ބަދުނާމު ވާގޮތަށް ހަޤީޤަތާއި ޚިލާފު ދޮގު ހަބަރު ނުފެތުރުމަށް އެމްޓީސީސީން އެދިއްޖެއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންނަށް އޮޅުވާލާ އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ހަބަރު ފަތުރަމުންދާ ކަމަށެވެ. އިއްޔެ ނޫހެއްގައި އެކުންފުންޏާ ބެހޭގޮތުން ލިޔެފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެ ހަބަރަކީ ރައްޔިތުންގެ ހިތުގައި އެކުންފުންޏަށާއ،ި ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބު އަމަލެއްކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން އެ ކުންފުނީގެ އިސް ވެރިންތަކެއް ނާޖާއިޒު މާލީ މަންފާ ލިބޭނެހެން އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރާއިރު، މިއީ އެއްވެސް އަސާސެއް އަދި ބުރަދަނެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

"މި ކުންފުނިން އަބަދުވެސް އިސްކޮށްފައިވާނީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތެވެ. އެގޮތުނ،ް ކޮންމެ މުއާމަލާތެއްގައިވެސް އަމަލުކޮށްފައިވާނީ ރަނގަޅު ގަވާނަންސްގެ ތެރެއިންކަމަށާއި އަދި ވިޔަފާރީގައި ގެންގުޅޭ ބައިނަލްއަގްވާމީ ބެސްޓް ޕްރެކިޓްސްގެ ހަމަތަކާއި މިންތަކާއި އެއްގޮތްވާގޮތުގެ މަތިންކަމުގައި ދަންނަވަމެވެ. އަދި ދިވެހި ރައްޔިތުންނަށް މިކަމުގެ ހަޤީގަތް ސާފުކޮށްދިނުމަށް އޭސީސީ އިން ތަހުގީގެއްހިންގާދިނުމަށް އެދި މިކުންފުނިން އެ ކޮމިޝަނަށް މިހާރު ވާނީ ސިޓީއަކުން ދަންނަވާފައެވެ. ކުންފުނީގެ ވެރިންގެ ބޮލުގައި މިފަދަ ބޮޑެތި ތުހުމަތު އެއްވެސް ހެއްކެއްނެތި އަޅުވަމުން ނޫހެއްގައި ގެންދަނީ އަބުރުކަތިލުމުގެ ނުބައި ރޫހުގައިކަން ވެސް ފާހަގަކުރަމެވެ." އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި އަދި ކުންފުނީގެ އެކިއެކި ބޭނުމަށް ގެންނަ މުދަލުގެ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތަށް ކުރިއަށްދާ މުއާމަލާތްތަކެއް ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ. އެމްޓީސީސީން ބުނީ، މިފަދަ މުއާމަލާތްތަކުގެ ހުއްދަ ދީފައި ވާނީ އެކި މަރުހަލާތަކުގައި ގިންތި ކަނޑައެޅި ޑޮކިޔުމަންޓްކޮށްގެން ކަމަށެވެ.

އެމްޓީސީސީން ވަނީ ޒާތީ ތަޢައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި މަދުފަރާތްތަކުން މިފަދަ އަމަލުތައް ކުރަމުންގެންދިއަ ނަމަވެސް ޖުމުލަކޮށް މީޑިއާގެ ވަސީލަތް ތަކުން ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުންގެންދާކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން