ގޯއްޗާއި ފްލެޓްގެ ލިޔުން އަވަހަށް ހަވާލުކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. މީކާއިލް ހުށައެޅުއްވި މައްސަލައިގައި މި ސަރުކާރުން ގެންދަނީ ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ހާމަކުރަމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެތައް ބަޔަކަށް ދޫކުރައްވާފައިވާ ފްލެޓްތަކުގެ ލިޔުމާއި ގުޅޭގޮތުން މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކުރެއްވުމަށް ވެސް މީކާއީލް ގޮވާލައްވާފައި ވެއެވެ.

ރިޔާސީ ކެމްޕެއިންގައި އެއްވެސް ގޯއްޗެއް އަދި ފްލެޓެއްވެސް އަތުނުލާނެ ކަމަށް އެތައް ފަހަރަކު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިކަން މީކާއިލް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ބަރޯސާކޮށް އެތައް ބަޔަކު އެމަނިކުފާނަށް ވޯޓު ދިން ނަމަވެސް، ވެރިކަމަށް އަރާވަޑައިގަތުމުން އެވާހަކަފުޅު އަމަލުން ފެނިވަޑައިނުގަންނަވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މިހާރުގެ ހައުސިންގެ މިނިސްޓަރ ޑރ. ޢަލީ ހައިދަރު، ބައެއް ގޯތިތަކުގެ ރަޖިސްޓްރީއާއި މެދު ސުވާލުއުފައްދާފައިވުމުން މީކާއީލް ވަނީ އެކަން ފާހަގަކުރައްވާފައެވެ.

އަދި ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ބަޖެޓްގައި އެއްވެސް ހަރަދެއް ހައުސިންގ މިނިސްޓްރީން ހިމަނާފައި ނުވާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ފުށިދިއްގަރުފަޅު ހިއްކަން ބަޖެޓްގައި ހިމަނާފައިވާތީ މީކާއީލް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެތަން ތަރައްގީކުރާނެ ގޮތާއި ޕްލޭނެއްވެސް ސަރުކާރުން ހާމަކޮށްފައިނުވާއިރު އައު ތަނެއް ތަރައްގީ ކުރަން 400 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނުމަކީ އިޤްތިޞާދު ހީނަރު ދަނޑިވަޅެއްގައި ރައްޔިތުންނަށް ލިބޭ ދެރައެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

"ރައްޔިތުންގެ ތެރެއިންގެ ގިނަ ބައެއްގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާނުވާގައި ބޭއްތިބުމުގެ ބަދަލުގައި މިކަމާ ގުޅޭ ސަރުކާރުގެ އަސްލު ސްޓޭންޑް ހާމަކޮށް، ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލަން." މީކާއިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން