ފަސްޓް ލޭޑީ ސާޖިދާ މިވަގުތު ހުންނެވީ އަހަރީ ޗުއްޓީ ނަންގަވައިގެން ކަމަށާއި ޗުއްޓީ ހަމަވުމުން، ރާއްޖޭގެ ފަސްޓް ލޭޑީގެ މަސްއޫލިއްޔަތުތައް ފުރިހަމަކުރެއްވުމުގައި ލުއިފަސޭހަތައް ހޯދައިދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެކަމަނާއާއިއެކު ކޮންޓްރެކްޓެއް ހަދަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ފަސްޓް ލޭޑީ ސާޖިދާ ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަށްވަމުން ރަށުން ބޭރަށް ވަޑައިގެންނެވުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ސީއެސްސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ސާޖިދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއިއެކު ރަސްމީ ދަތުރުފުޅެއްގައި ތުރުކީ ވިކާތަށް ވަޑައިގަތީ އެކަމަނާ މަސައްކަތްކުރައްވާ އޮފީހުން އަހަރީ ޗުއްޓީ ނަންގަވައިގެންނެވެ.

"އަހަރީ ޗުއްޓީގައި ހުންނަވާއިރު އޮފީހުގެ ހުއްދަ ނަގާކަށް ނުޖެހޭނެ ބޭރަށް ވަޑައިގަންނަވާކަށް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ މެޑަމް ސާޖިދާ ހުންނެވީ އެނުއަލް ލީވްގައި ކަމަށް. ޗުއްޓީ ހަމަޖައްސަވަނީ ހެލްތު މިނިސްޓްރީން. އަހަރީ ޗުއްޓީ ހަމަވީމަ ނޯ ޕޭ ލީވް ނަންގަވާ ގޮތަށް ރާވާފައިވަނީ." ސީއެސްސީގެ އޮފިޝަލް ވިދާޅުވިއެވެ.

ސާޖިދާއަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އެ އޮފީހުގައި އެކަމަނާ އަދާ ކުރައްވާ ވަޒީފާ ކުރިއަށް ގެންދަވަން ބޭނުންފުޅުވާތީ، ސާޖިދާ ވަނީ ފަސްޓް ލޭޑީގެ މަޤާމު ފުރުއްވަމުން ގެންދެވި ނަމަވެސް އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވުމަށް ސީއެސްސީއަށް ހުށަހަޅުއްވާފައެވެ. ސީއެސްސީން ވަނީ އެކަމަނާ ސިވިލް ސަރވިސް އޮފީހެއްގައި މަސައްކަތް ކުރެއްވުަމުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ސިވިލް ސަރވަންޓުން ރަސްމީކޮށް ހަ ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ފަސްޓް ލޭޑީއެއްގެ ހައިސިއްޔަތުން ދެ މަސައްކަތް އެއްފަހަރާ ކުރެއްވުމުގައި ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

ސީއެސްސީގެ އޮފިޝަލް ވިދާޅުވީ ނޯ ޕޭ ލީވްއެއް ނެންގެވިޔަސް، އެކަމަނާއަކީ އެދާއިރާއަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދެއްވާ ބޭފުޅެއްކަމުން އެކަމަނާގެ ކޮންސަލްޓެންސީ ބޭނުންވާނެ ކަމަށެވެ. އެހެންކަމުން، އެެއްބަސްވުމެއް ނެތި، އެގޮތަށް ޚިދުމަތް ނުކުރެވޭނެތީ، އެއްބަސްވުމެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ސީއެސްސިއިން ބުނީ ސާޖިދާ ނޯ-ޕޭ ލީވް ނަންގަވާފައިވަނީ 5 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި ސިވިލް ސަރވިސް ޤަވާއިދުގައި ދައުލަތުގެ ބޭނުންތަކަށް ސިވިލް ސަރވަންޓުންނަށް ނޯ-ޕޭ ލީވް ލިބޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ސާޖިދާ ބޭނުންފުޅުވަނީ މަހެއްގެ މައްޗަށް 40 ގަޑިއިރުގެ ކޮންޓްރިބިއުޝަނެއް ދެއްވަން ކަމަށް ސީއެސްސީން ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް، މުސާރަ ނުލިބޭ ހަމައިން އެފަދަ އެއްބަސްވުމެއް އެކުލަވާނުލެވޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް މުސާރަ ދޭ އުސޫލުން އަމަލު ކުރާނެ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން