އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަޤާމު ފުރުއްވަމުން ގެންދެވި އާމިނަތު ޒީނިޔާ މިއަދު ހަމަޖައްސައިފިއެވެ.

ޒީނިޔާ އާސަންދައާއި ގުޅުނީ 2012 ވަނަ އަހަރުގައެވެ. އޭނާ އޭރު ފުރުއްވީ މެޑިކަލް ޑައިރެކްޓަރގެ މަގާމެވެ. އާސަންދަ އޭރު ހިންގީ އެލައިޑް ކުންފުނީގެ ދަށުންނެވެ. ވަކި ކުންފުންޏެއްގެ ގޮތުގައި އާސަންދަ ކޮމްޕެނީ ހިންގަން ފެށީ 2014 ވަނަ އަހަރުގައެވެ. ޒީނިއާއަކީ އެ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެކަކެވެ.

އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ. އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، ޒީނިޔާ ވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ.

އޭގެ އިތުރަށްވެސް، ޒީނިޔާ ވަނީ ދިގުމުއްދަތަކަށް ނަރުހެއްގެ އެކިއެކި މަޤާމުތަކުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ލިބުނު ސްކޮލަރޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނަރސިންގ އިން މާސްޓަރސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ހޮސްޕިޓަލްގެ ކްލިނިކަލް މަސައްކަތް ދޫކުރައްވާ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ވަޑައިގެން ޒީނިޔާ ވަނީ 2019 ގައި ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތުވެސް ޙާސިލް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން