ތޫފާން "އަރުނާބު"
ތޫފާން "އަރުނާބު"
ބަންގާޅު ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު، މި މަހުގެ 16 ވަނަ ދުވަހު ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އޭގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށް ކަމަށްވާތީ ރާއްޖެއަށް ތޫފާން އެރުމުގެ ފުރުޞަތު ކުޑަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. އެހެންނަމަވެސް، އެފަދަ ބާރުގަދަ ތޫފާނަކަށް އެ ސަރަޙައްދު ބަދަލުވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރުތަކެއް ނުސީދާކޮށް ރާއްޖެއަށް ފޯރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ބަންގާޅު ކަނޑުގައި އުފެދިފައިވާ މި ކޮޅިގަނޑު (ޑީޕް ޑިޕްރެޝަން) ވަރަށް ހަލުވިކަމާއެކު އިތުރަށް ބާރުގަދަވެ، މި މަހުގެ 16 ވަނަ ދުވަހު ނުރައްކާތެރި ތޫފާނަކަށް ބަދަލުވާނެއެވެ.

މި ތޫފާނާ ގުޅިގެން ސަރަޙައްދީ ޤައުމުތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށާއި، ކުދި އުޅަނދުފަހަރުގައި ކަނޑުމައްޗަށް ނުނިކުތުމަށް އެ ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

މި ބަދަލާއެކު އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދަކަށް ވައިގަދަވެ، ވިއްސާރަކުރުމާއެކު ކަނޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މީގެ ސަބަބުން އައްސޭރިފަށުގެ ސަރަޙައްދުތަކަށް އުދައެރުމާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުޞަތު ބޮޑު ކަމަށް މޫސުމީ ރިޕޯޓްތަކުން ދައްކައެވެ.

މޫސުމަށް އަންނަމުންދާ މި ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މެޓް އޮފީހުން ވެސް ދަނީ މި ކޮޅިގަނޑުގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ޢާންމު ރައްޔިތުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުކަންދީ، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު