ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގާބިލްކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަހުރިކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިހެން ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ފްލެޓްތަކާއި ގޯތިތައް އަތުލަން އުޅޭކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

އާމިރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހެޔޮ ނިޔަތެއް އޮވެގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށެވެ. ނަމަވެސް އެކަންކަން ބައެއް ފަރާތްތަކުން ސިޔާސީ ކުރަމުންދާކަން އާމިރު ފާހަގަކުރެއްވިއެެވެ.

އާމިރު ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުލަން އުޅޭކަމަށް ބުނެ މިއަދު ވާހަކަ ދައްކަވާ ބޭފުޅުން، އެ ބޭފުޅުން ވެރިކަން ކުރެއްވިއިރު ކަންކަން ކުރި ގޮތް ހަނދާން ކުރަންޖެހޭކަމަށެވެ. އެގޮތުން ހިޔާ ފްލެޓްގެ ލިޔުން ލިބުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ލިބުނު ފްލެޓް ރައީސް ސާލިހުގެ ސަރުކާރުން އަތުލާފައިވާކަން އާމިރު ފާހަގަކުރެއްވިއެެވެ.

އާމިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމުގެ ގާބިލްކަން ހުރި ބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރާކަމަށެވެ.

"ހުރިހާ ރައްޔިތުންވެސް އިއްތިފާގުވާނެ މިއަދު ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެންނަން މަސައްކަތްކުރާނަމަ އެކަމަށް އެންމެ ގާބިލް ބޭފުޅަކަށް މިއަދުގެ ރައީސުލްޖުމްހުރިއްޔާ ވާނެކަން." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިހާތަނަށް އައިއިރު ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން މި ސަރުކާރާއި ދިމާލަށް ގޮވޭނެ އެއްޗެއް ނެތެވެ. އަދި މައްސަލަތައް ދައްކަން ބޭނުންވާނަމަ ދެއްކޭނެ އެހެން މައްސަލަތައް އެބަހުރިކަމަށްވެސް އާމިރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން