ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންނަށް ދިޔަ ހަރަދު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ލިބޭނެކަަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަންކޯއިން މިހެން ބުނެފައި މިވަނީ ފްލެޓްތަކުގެ ފިނިޝިންނަށް ދިޔަ ހަރަދު ނުދޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ ހަބަރުތަކާއި ގުޅިގެނެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިންނަށް ދިޔަ ހަރަދު ނުދޭން ސަރުކާރުން މިހާރު ނިންމާފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް އަރބަންކޯއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ސަރުކާރުން ފުއްދާނެ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓް ހަދަން ހަރަދުކުރި ފައިސާ ފްލެޓްގެ ވެރިންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށްވެސް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ހަރަދު ނުދޭނެކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓްތައް ރައީސް ސާލިހުގެ ސަރުކާރު އައިސް އެތަންތަނުގެ ފިނިޝިން މަސައްކަތްތައް ނުނިންމާ ދިނުމުން އެތަންތަނަށް ބަދަލުވި މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ދިމާވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ފްލެޓްތަކުގެ ވެރިފަރާތުން ފިނިޝިން މަސައްކަތަށް ދިޔަ ހަރަދު ފޫބައްދަން ސަރުކާރުން ފްލެޓްގެ ވެރި ފަރާތަށް 2 ލައްކަ ރުފިޔާ ދޭނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން