ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ގެންނަ އިސްލާހުގެ ބިލް، ސަބް ކޮމެޓީއަށް ފޮނުވަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބިލަކީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ބިލެކެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

"މިއީ ހަމައެކަނި ތިމާވެށްޓާއި ގުޅުންހުރި ބިލެއް ނޫން. ވަރަށް ގިނަ ރައްޔިތުންވެސް ވަނީ ކޮތަޅުން ނަގާ ފީ ބޮޑުވުމާއި ދެކޮޅަށް އަޑު އުފުލާފައި. މިއީ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު އަދަދެއް. ތިމާވެށީގެ ކަންތައް ރަނގަޅު ކުރުމުގެ ނަމުގައި ރައްޔިތުން ފެލަން ހުއްޓާލަން ޖެހޭ." މިމައްސަލައިގައި މިއަދު ބަހުސްކުރައްވަމުން މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ. ބޮންޑެ ވިދާޅުވީ ކުނި މެނޭޖްކުރަން ބޭނުންވާނަމަ، މަގުމަތި ސާފުކުރުމަށް އިސްކަން ދިނުން މާ ރަނގަޅު ކަމަށެވެ.

ހަތް މެންބަރުން އެކުލެވޭ ސަބް ކޮމިޓީއަކަށް އެ މައްސަލަ ފޮނުވުމަށް ހުށަހަޅުއްވާފައި ވަނީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދެވެ. މި ހުށަހެޅުމަށް ތާއީދުކުރައްވާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ޢަބްދުﷲއެވެ.

އެންވަޔަރަންމަންޓް ކޮމެޓީގެ މުގައްރިރު ސަލީމް ވަނީ މީގެ ކުރީގައި ކޮތަޅު ފީ، ދެ ރުފިޔާއިން 50 ލާރިއަށް ކުޑަ ކުރުމަށް ހުށަހަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން